އިންޑިއާ އިން އިއްޔެ ވެސް ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އިންޑިއާ އިން ވަނީ 345,147 މީހުން ކޮވިޑް-19 އަށް ފައްސިވެފައެވެ. އިންޑިއާއަކީ އެއްދުވަހެއްގައި ދުނިޔެ އިން ވެސް މިހައި ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ފުރަތަމަ ގައުމެވެ.

އެންމެ ހާލަތު ގޯސްވި އެމެރިކާގައި ވެސް އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހު ކޮވިޑަށް ފައްސިވެފައި ވަނީ 307000 މީހުންނެވެ.

ނަމަވެސް ފާއިތުވި ތިން ދުވަހު ވެސް އެމެރިކާ އިން ވަނީ އެއަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައެވެ.

އިއްޔެ އިންޑިއާ އިން ވަނީ ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވެސް ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. އިއްޔެ ކޮވިޑް ޖެހިގެން އިންޑިއާ އިން 2621 މީހުން މަރުވިއެވެ. އިއްޔެ އަކީ މިހާތަނަށް ކޮވިޑް ޖެހިގެން އިންޑިއާ އިން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ދުވަހެވެ.

ކޮވިޑް ބަލި މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތައް ތޮއްޖެހިފައި ވާއިރު އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން މިހާރު ވަނީ އޮކްސިޖަން ވެސް ހުސްވެފައެވެ. އެހެންކަމުން މަރުވާ މީހުންގެ އަދަދު އަދިވެސް ވަރަށް ބޮޑަށް އިތުރުވެގެން ދިއުމުގެ ބިރު އެބައޮތެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދުގެ ގޮތުގައި ސަރުކާރުން އިއުލާން ކުރާ އަދަދަށްވުރެ ހަގީގަތުގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވާނެއެވެ. މަރުވާ މީހުންގެ ރަސްމީ ހިސާބުތައް އެންމެ ރަނގަޅަށް ސަރުކާރަށް ވެސް ނުބެލެހެއްޓޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަމަަ

    އަދިވެސް މުސްލިމުންނައް އަނިޔާކުރޭ.ތިމީހުން ތީ ގަދަ ބައެއްނު ބުނަން ރަގަޅު ވާހަކައެއް ތީ ހަމަ އިންޑިޔާއައް ވާނެގޮތް

  2. ޛނޗގ

    އިންޑިޔާ މީހުންގެ އަދަދުތައް ހާދަ ޤަބޫލުނުކުރެވެޔޭ