ކޮވިޑް-19 ޖެހިގެން އިންޑިއާގެ ޖައިޕޫރުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުން ގެންދިޔަ 25 ބަލި މީހަކު އޮކްސިޖަން ނުލިބިގެން ރޭ މަރުވެއްޖެއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް 25 މީހަކު މަރުވީ ޖައިޕޫރު ގޯލްޑެން ހޮސްޕިޓަލުންނެވެ. ރާޖަސްތާންގެ ވެރިރަށް ކަމަށްވާ ޖައިޕޫރުގެ ހޮސްޕިޓަލްތަކަށް ވެސް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބޭތާ މިހާރު ހަފްތާއެއް ވެއްޖެއެވެ.

ފަންސަވީސް ބަލި މީހަކު މަރުވިކަން ކަށަވަރު ކޮށްދެމުން ހޮސްޕިޓަލުން މިއަދު ހެނދުނު ބުނީ އެމީހުން މަރުވީ އޮކްސިޖަން އެއްކޮށް ހުސްވެގެން ނޫންކަމަށާއި ނަމަވެސް އޮކްސިޖަން ވަރަށް ބޮޑަށް މަދުވުމުން އޮކްސިޖަން ފޯރުކޮށްދެވޭ ޕްރެޝަރު ދަށްވެގެން ކަމަށެވެ.

ހޮސްޕިޓަލުން ބުނީ މިހާރު ވެސް އެހޮސްޕިޓަލްގައި 210 ބަލި މީހަކަށް އޮކްސިޖަން ދެމުންދާ ކަމަށާއި ނަމަވެސް ހޮސްޕިޓަލްގައި ހުރީ ކުރިއަށް އޮތް 45 މިނެޓަށް ފުދޭވަރުގެ އޮކްސިޖަން ކަމަށެވެ.

މިހާރު ޖައިޕޫރު ގޯލްޑެން ހޮސްޕިޓަލުން ވަނީ ވަރަށް އަވަހަށް އޮކްސިޖަން ފޯރުކޮށްދިނުމަށް މައި ސަރުކާރުގައި އެދިފައެވެ.

އިއްޔެ ވެސް އިންޑިއާގެ ހޮސްޕިޓަލަކުން ވަނީ އޮކްސިޖަން ނުލިބިގެން ކޮވިޑްގެ 24 ބަލި މީހަކު މަރުވެފައެވެ.

އޮކްސިޖަން ހޮސްޕިޓަލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދިޔަ ނަމަވެސް އިންޑިއާގެ ހާލަތު އޮތްގޮތުން އޮކްސިޖަން ބޭނުންވާ ވަރަށް ފޯރުކޮށްދެވެމުންނެއް ނުދެއެވެ. އިންޑިއާ އިން މިހާރު ވަނީ އޮކްސިޖަން ބޭނުންވާ ވަރަށް އުފެއްދުމަށް ފްރާންސްގެ އެހީއަށް އެދިފައެވެ. މިއަދު ފްރާންސްގެ ކުންފުންޏަކުން އިންޑިއާއަށް އޮކްސިޖަން ފޮނުވާނެ ކަމަށް ވެއެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާތީ ޕާކިސްތާނާއި ޗައިނާ އިން ވަނީ އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދޭން ހުށަހަޅާފައެވެ. ނަމަވެސް އަދި މިހާތަނަށް އިންޑިއާ އިން މިކަމާއި ގުޅިގެން އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަމްސިއްޔާ

    މަރުވީ އޮކްސިޖަން ނުލިބެންގެންނެއްނޫނޯ. އޮކްސިޖަންގެ ޕްރެޝަރދައްވެގެންނޯ. ހަމަ އޮކްސިޖަން ނުލިބިގެންދޯ މަރުވިކަމަށްވާނީ.

  2. ހުސޭނު

    ޗައިނާއެހީނުހޯދަންތިއްބަ ރައްޔަތުން މަރުވެހުސްވަނީ ދެން ހަދަންވިގޮތަކީ ރައްޔަތުންނުކުމެ މޯދިީ ވަގައްނަގަންވި

    12
  3. ޙަސަނާ

    މި ރާއްޖޭގަވެސް ނަސީދުގެ ބަލަޔާހެދި ޗައިނާގެ އެހީތެރިކަން ނުހޯދަންމިތިބެނީ އާބާދީގެ ނިސްބަތުން މިވެސް މިހާރު ދުނިޔޭގަ ހާލަތުގޯސްގައުމެއް އިންޑިއާ އެފަދަހާލުގަ އޮއްވާކިހިނެއް މިތަނައްވަކި އެހީތެރިކަމެއްދެވޭނީ މާދަންވޯޓެއްނެގިއަސް މޯދީ ގެ ސަރުކާރު ބޭރުއަރުވާލަން އިންޑިއާރައްޔިތޔން ތިބީ ކެތްމަދުވެފަ.

  4. ބުރާންތި

    މިވަރު ބައެއްގެ ފަހަތުން ދިވެހި ސަރުކާރު އުޅޭތީ ހަމަ ސުވާލު އުފެދޭ.
    ޗައިނާގައި 1000 އެނދުގެ ހޮސްޕިޓަލެއް ހެދީ 10ދުވަސް ތެރޭ.
    ގައުމުގައި ބަލިމީހުން މަގުމައްޗަށް މަރުވެގެން ވެއްޓޭއި އައްޑޫގައި މިލިޓަރީބޭސް ހަދަނީ ކީއްކުރަން. އަމިއްލަ ރައްޔިތުން ސަލާމަތް ކޮށްބަލަ

    11