67 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޓޯކިޔޯ މޮޓޯ ޝޯ ކެންސަލް ކޮށްފިއެވެ. މި ޝޯ ކެންސަލް ކޮށްފައިވަނީ ޖަޕާނުގައި ކޮވިޑް-19އަށް ފައްސިވެފައިވާ މީހުން އިތުރުވެފައި ވާތީއެވެ.

1954 އަހަރު ބާއްވަން ފެށި ޓޯކިޔޯ މޮޓޯ ޝޯ އަކީ ދެ އަހަރުން އެއް އަހަރު ކުރިޔަށް ގެންދަމުން އައި ޝޯއެކެވެ. މިއަހަރުގެ ޝޯ ބޭއްވުމަަށް ހަމަޖެހިފައިވީ އޮކްޓޯބަރު މަހުއެވެ. ނަމަވެސް، އެގައުމުގައި ކޮވިޑުގެ ވޭދަނަތައް އިތުރުވެ އެތައް ބަޔަކު ކޮވިޑަށް ފައްސި ވަމުންދާތީ މިއަހަރުގެ ޓޮކިޔޯ މޮޓޯ ޝޯ ވަނީ ކެންސަލް ކޮށްފައެވެ.

އަދި މާދަމާއިން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަަލަށް އެގައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ނިންމާފައިވެެއެވެ.

2019 ވަނަ އަހަރު ބޭއްވުނު އިވެންޓުގައި 1.3 މިލިއަން މީހުން އެތަނަށް މަންޒަރު ބަލަން އެއްވި ކަމަށް ޖަޕާނުގެ އޮޓޯމޯބައިލް މެނުފެކްޗަރާސް އެސޯސިއޭޝަނުން ބުނެފައިވެއެވެ.

ޓޯކިޔޯ މޮޓޯ ޝޯގެ އޯގަނައިޒޭޝަނުން ބުނެފައިވަނީ އެހެން ހަފްލާތައް އޮންލައިންކޮށް ބޭއްވި ނަމަވެސް، މި ޝޯ އޮންލައިންކޮށް ބޭއްވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

އެސޯސިއޭޝަންގެ ޗެއާމަން ވިދާޅުވީ މި އަހަރުގެ އިވެންޓު ކެންސަލް ކުރީ މިހާރުގެ ހާލަތަށް ބަލާ އިރު ރައްކާތެރި މާހައުލެއްގައި ޝޯ ބޭއްވޭނެ ކަމުގެ ޔަގީން ކަމެއް ނެތުމުން ކަމަށެވެ. ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދާ މި ދަނޑިވަޅުގައި ޓޯކްޔޯ މޮޓޯ ޝޯ ފަދަ ބޮޑު ހަފްލާއެއް ބޭއްވުމަކީ ފަސޭހަ އަދި ރައްކާތެރި ކަމަކަށް ނުވާތީ ކެންސަލް ކުރަން ނިންމީ ކަަމަށް އެސޯސިއޭޝަންގެ ޗެއާމަން ވިދާޅުވިއެވެ.

މިދިޔަ އަހަރު ބާއްވަން ތާވަލްކުރި ޓޯކިޔޯ އޮލިމްޕިކްސް ވެސް ކޮވިޑާ ހެދި އެއް އަހަރު ފަސް ކުރަން ޖެހުނެވެ. މި އަހަރު ބޭއްވުމަށް ފަސް ކުރެވުނު ނަމަވެސް، މި އަހަރުވެސް ޓޯކްޔޯ އޮލިމްޕިކްސް ބޭއްވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.