އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެރިކަމާއި ހަވާލްވެ ލެއްވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހާއްސަ ކޮށްލެވިފައިވަނީ އިނގިރޭސި ވިލާތާއި ބެލްޖިއަމަށް ކަމަށް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ މި ދަތުރުފުޅުގެ އަމާޒަކީ ދޭދޭ ގައުމުތަކުގެ މެދުގައި މަސްލަހަތު ގެއްލިފައި ހުރި ކަންތަކަށް އަލިއަޅުވައިލާ، ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތް ކުރުމާއި މެދު ވާހަކަ ދެކެވުން ކަމަށެވެ.

ވައިޓް ހައުސްއިން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އޭނާ ވިދާޅުވީ ކޯންވެލްގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޖީ7 ސަމިޓުގައި ޖޯ ބައިޑެން ބައިވެރިވެ ލައްވާނެ ކަމަށެވެ.

ޖޫން 11 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ތާވަލް ކުރެވިފައިވާ ސަމިޓުގެ ފަހަށް ޖީ7ގެ ލީޑަރުންނާއި، އިނގިރޭސި ބޮޑުވަޒީރު ބޯރިސް ޖޯންސަން އާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެއަށް ފަހު ނޭޓޯ ސަމިޓުގައި ބައިވެރިވެލެއްވުމަށް ބެލްޖިއަމަށް ދަތުރު ކުރައްވަން ތާވަލު ކުރެވިފައިވަނީ ޖޫން 14 ވަނަ ދުވަހަށެވެ. މި ދަތުރުފުޅުގައި ނޭޓޯގެ ވެރިންނާއި ބައްދަލު ކުރައްވާ ދުނިޔެ ބެލެހެއްޓުމުގެ ބާރުތައް ބެލެހެއްޓުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށާއި، އަދި އެމެރިކާއާއި ދުނިޔޭގެ އެހެން ގައުމުތަކާއި ދެމެދުގައި ގެންގުޅޭ ޕޮލިސީއަށް ބަދަލު ގެނެސް އަލުން އެކުލަވާލުމަށް އެދިލައްވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފެބްރުއަރީ މަހު ބައިޑެން ވަނީ ކެނެޑާ އާއި މެކްސިކޯގެ ވެރިންނާއި އޮންލައިން މީޓިންގް އެއް މެދުވެރިކޮށް ބައްދަލު ކުރައްވާފައެވެ. މިދިޔަ ހަފްތާގައި ޖަޕާނުގެ ބޮޑުވަޒީރާ ވައިޓްހައުސްއިން ބައްދަލު ކުރައްވާފައި ވާއިރު އަންނަ މަހަށް ތާވަލު ކުރެވިފައިވަނީ ދެކުނު ކޮރެއާގެ ރައީސާއި ބައްދަލު ކުރެއްވުމަށެވެ.