އިރާގުގެ ވެރިރަށް ބަޣުދާދުގައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކޮށްފައިވާ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 35 ބަލި މީހަކު މަރުވެއްޖެއެވެ.

އިރާގުގެ ހައިކޮމިޝަނަ ފޯ ހިއުމަން ރައިޓްސްގެ މެންބަރު އަލީ އަލް ބަޔާތީ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލިފާން ރޯވީ ބަޣުދާދުގައި ހުންނަ އިބްނު އަލް ހަތީބު ހޮސްޕިޓަލްގައި ކަމަށެވެ. އޭނާ ވިދާޅުވީ އަލިފާނުގެ ހާދިސާގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވުން އަދިވެސް އެކަށީގެންވާ ކަމަށެވެ. ވަރަށް ގިނަ ބަޔަކަށް އަލިފާނުގެ ހާދިސާގައި އަނިޔާވެފައިވާ ކަމަށް އޭނާ ވިދާޅިއެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އޮކްސިޖަން ޓޭންކެއް ގޮވައިގެން ކަމަށް ބެލެވެއެވެ.

އިރާގުގެ ބޮޑުވަޒީރު މުސްޠަފާ އަލް-ކަދީމީ ވަނީ ހޮސްޕިޓަލްގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވި ސަބަބު ދެނެގަތުމަށް ތަހްގީގެއް ފެށުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަމުރު ކުރައްވާފައެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅޭ ގޮތުން އިރާގުގެ ހެލްތު މިނިސްޓްރީން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

އިރާގުން މިހާރު ވަނީ މިލިއަނަކަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައެވެ. ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާ އިން ފެށިގެން އެގައުމުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހަކަށްވުރެ ދުވަހަކު ގޯސްވަމުންނެވެ. މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު އިރާގުން ހަހާހަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައެވެ. ނަމަވެސް ޖަނަވަރީ މަހު ދުވާލަކު އެވްރެޖްކޮށް ފައްސިވީ 800 މީހުންނެވެ.