ކޮންޓްރޯލެއް ނެތި އިންޑިއާގައި ކޮވިޑް-19 ފެތުރެމުން އަންނަ އިރު އިއްޔެ ވެސް އިންޑިއާ އިން ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އިންޑިއާ އިން ވަނީ 349,313 މީހުން ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން އިއްޔެ އަކީ މުޅި ދުނިޔެ އިން ވެސް އެއްދުވަސް ތެރޭގައި އެންމެ ގިނަ ބަޔަކު އެއްގައުމަކުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު އިންޑިއާ އިން އަންނަނީ ދުނިޔޭގެ ރެކޯޑް އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވަމުންނެވެ. ހުކުރު ދުވަހު 345000 މީހުން އިންޑިއާ އިން ކޮވިޑަށް ފައްސިވިއެވެ.

އިއްޔެ އިންޑިއާ އިން ވަނީ 2,761 މީހުން ކޮވިޑް ޖެހިގެން މަރުވިއެވެ. އިއްޔެ އަކީ މިހާތަނަށް އެއްދުވަސް ތެރޭގައި އިންޑިއާ އިން އެންމެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވި ދުވަހެވެ. އޭޕްރީލް މަހުގެ 08 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދުގެ ގޮތުގައި ސަރުކާރުން އިއުލާން ކުރާ އަދަދަށްވުރެ ހަގީގަތުގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދަށްވުރެ އެތައް ގުނައެއް އިތުރުވާނެއެވެ. މަރުވާ މީހުންގެ ރަސްމީ ހިސާބުތައް އެންމެ ރަނގަޅަށް ސަރުކާރަށް ވެސް ނުބެލެހެއްޓޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް ބަލި މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތައް ތޮއްޖެހިފައި ވާއިރު އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން މިހާރު ވަނީ އޮކްސިޖަން ވެސް ހުސްވެފައެވެ. އެހެންކަމުން މަރުވާ މީހުންގެ އަދަދު އަދިވެސް ވަރަށް ބޮޑަށް އިތުރުވެގެން ދިއުމުގެ ބިރު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު