އިންޑޮނޭޝިއާ އިން އަސްކަރީ ތަމްރީނެއްގައި ބައިވެރިވި ސަބްމެރީންއެއް ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ފަންސާސް ތިން މީހުންނާއެކު ކަނޑުގެ 2،700 އެއްހައި ފޫޓު އަޑިން ދަތުރު ކުރަމުންދިޔަ ސަބްމެރީން ހޯދަން އިންޑޮނޭޝިއާގެ އިތުރުން އަވަށްޓެރި ގައުމުތަކުން ވެސް މަސައްކަތް ކޮށް، ވަނީ ކާމިޔާބުނުވެފައެވެ.

ގެއްލުނު ސަބްމެރިން މާފުނަށް ފެތިފައިފައިވާ ކަމަށް އަސްކަރިއްޔާ އިން ވަނީ ނިންމައިފައެވެ.

ސަބްމެރީން ހޯދަން ސިފައިން ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ސަބްމެރީންގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް އެންމެ ފަހުން ސަބްމެރީން ދަތުރު ކުރަމުންދިޔަ ކަމަށް ބުނާ ބާލީގެ ކަނޑުން ވަނީ ފެނިފައެވެ. ފެނުނު ބައިތަކަކީ ސަބްމެރީންއަށް ވަރަށް ބާރު ބޮޑުވެގެން ނޫން ގޮތަކަށް ވަކިވެގެން ނުދާނެ ބައިތަކެއް ކަމަށް އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

ސިފައިންގެ ވެރިޔާ ޔޫޑޯ މާގޯނޯ ވިދާޅުވީ ހޮނިހިރު ދުވަހު މުސައްލަ އާއި، ތެޔޮ އަޅަން ބޭނުން ކުރި ފުޅި ފަދަ ސަބްމެރީންގައި ގެންގުޅުނު ބައެއް ތަކެތި ރެސްކިއު ޓީމަށް ފެނިފައިވާ ކަމަށެވެ. މީގެ ކުރިން ސަބްމެރީން ގެއްލުނު ކަމަށް ބަލައި އޭގައި ތިބި މީހުންގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމުގެ އުންމީދުގައި މަސައްކަތް ކުރި ނަމަވެސް މިހާރު ނިންމާފައިވަނީ ސަބްމެރީން ފެތުނީ ކަމަށެވެ.

އަސްކަރިއްޔާއިން ބުނާ ގޮތުން ސަބްމެރީން މިހާރު އޮތީ 2،800 ފޫޓު ކަނޑު އަޑީގައެވެ. ސަބްމެރީން ހޯދުމުގެ މަސައްކަތުގައި ސިންގަޕޫރާއި، މެލޭޝިއާ އަދި އޮސްޓްރޭލިއާގެ އެހީތެރިކަން އަމަލީގޮތުން ލިބިފައިވެއެވެ. އޭގެ އިތުރުން ތުރުކީއާއި ޖަޕާނު އަދި އެމެރިކާއިން ވެސް އެހީތެރިކަމަށް ހުށަހެޅިއެވެ.