ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ ލަންކާގެ ކޮލަމްބޯ އާއި އިތުރު ތިން ސަރަހައްދަކީ ކޮވިޑް-19ގެ ހިރާސް ބޮޑު (ހައިރިސްކް) ސަރަހައްދު ކަމަށް އެގައުމުގެ ޕަބްލިކް ހެލްތު އިންސްޕެކްޓާސް ޔޫނިއަން (ޕީއެޗްއައި) އިން ކަނޑައަޅައިފިއެވެ.

ކޮލަމްބޯގެ އިތުރުން ދެން ހިރާސް ބޮޑު ސަރަހައްދު ކަމަށް ކަނޑައަޅާފައިވަނީ ވެސްޓަން ޕްރޮވިންސްގެ ގަމްޕަހާ އަދި ނޯތު ވެސްޓަން ޕްރޮވިންސްގެ ކުރުނެގަލަ އެވެ.

ޕީއެޗްއައިގެ ޔޫނިއަންގެ ރައީސް އުޕުލް ރޮހާނާ ވިދާޅުވީ ހައި ރިސްކް ޒޯންތައް ކަނޑައެޅީ ކޮންމެ ދުވަހަކު ވެސް އެ ސަރަހައްދުތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދަށް ބެލުމަށް ފަހު ކަމަށެވެ. އަދި އެ ސަރަހައްދު ތަކުގެ ހިރާސް ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ގަމްޕަހާ ސަރައްދުން ހުކުރު ދުވަހު 236 ވޭދަނަ ފެނިފައިވާއިރު، ކޮލަމްބޯ އިން 194 އަދި ކުރުނެގަލަ އިން 48 ވޭދަނަ ހުކުރު ދުވަހު ވަނީ ފެނިފައެވެ.

މި ސަރަހައްދުތަކުގެ އިތުރުން ކުރުނެގަލަ ސަރަހައްދަކީ ވެސް ނުރައްކާތެރި ސަރަހައްދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރަހައްދުތަކުގެ އިތުރުން އޭނާ ވިދާޅުވީ، މުޅި ލަންކާގައި ބަލި ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެކަމަށް ރައްޔިތުން ވިސްނައިގެން ތިބުން މުހިންމު ކަމަށެވެ. އަދި ބަލި ކޮންޓްރޯލް ކުރުމުގައި ރައްޔިތުންގެ ރޯލު ވަރަށް ބޮޑު ކަމަށާއި ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ދަތުރު ފަތުރު ވީހާވެސް މަދު ކުރުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ.

ލަންކާއިން މިހާތަނަށް 100،586 މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. އޭގެ ތެރެއިން 94،155 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 638 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު