އިންޑިއާގެ ވެރި ރަށް ދިއްލީގައި މިހާރު އަލިފާން ނުނިވެއެވެ. ކޮވިޑުގެ ދެވަނަ ރާޅާއި އެކު އެގައުމުގެ ހާލަތު ވަރަށް ގޯސް ވެއްޖެއެވެ.

އެ ސިޓީގައި ދުވާލެއްގެ މައްޗަށް އެތައް ބަޔަކު މަރުވެގެން ދާއިރު، ސަހަރާތައް ފުރި ޕާކިންގް ޒޯން ތަކުގައި މަރުވާ މީހުންގެ ހަށިތައް އަންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަދި އެ ގައުމުގައު މަރުވާ މީހުން އިތުރު ތިން ހަށިގަނޑު އެއްފަހަރާ ކަފުންކޮށް ވަޅުލާންވެސް ވަނީ ފަށާފައެވެ.

މިހާ ނިކަމެތި ހާލަތަކަށް އެ ގައުމުގެ ހާލަތު ގޮސްފައިވާއިރު، އިންޑިއާގެ ސަހަރާތަކުގައި މަސައްކަތް ކުރާ މީހުންވެސް މި ތިބެނީ ވަރުބަލިވެފައެވެ. ދުވާލެއްގެ މައްޗަށް އެތައް ބަޔަކު ކޮވިޑުގައި މަރުވެ، އެތައް ބަޔެއްގެ ޖަނާޒާގެ ކަންކަމުގައި އުޅެން ޖެހުމުން ބަޔެއް މީހުން ތިބެނީ ބިރުވެސް ބޮޑުވެފައެވެ. ޖަނާޒާގެ ކަންކަމުގައި ބައިވެރި ވެވެނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ހަޒްމެޓް ސުއިޓް ލައި، ގޮގްލް އާއި އަންގި ލައްވައިގެންނެވެ.

އިންޑިއާގެ ސަގާފަތް އޮންނަ ގޮތުން މުސްލިމް ނޫން މީހެއް މަރުވެއްޖެ ނަމަ، އެބަޔަކު ވަޅުލުމުގެ ބަދަލުގައި އަންދަނީއެވެ. ހަށިތައް އެނދުމަށް ޖަހާ އަލިފާން ނިވިފައި ހުންނަ އެންމެ ގަޑިއިރެއް ވެސް މިހާރު ދިއްލީއަށް ނާންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮރޯނާވައިރަހާއި ގުޅިގެން ހަދާފައިވާ ގަވާއިދު ތަކުގެ ސަބަބުން ޖަނާޒާގައި ބައިވެރި ވެވެނީ އާއިލާގެ ވެސް މަދު ބަޔަކަށެވެ.

ދިރާސާ ތަކުން ދައްކާގޮތުން އިންޑިއާގައި ކޮވިޑުގައި މަރުވާ މީހުންގެ އަދަދު ކުރިއަށް އޮތް މޭ މަހުގެ ތެރޭގައި މިހާރަށް ވުރެ މާ ބޮޑަށް އިތުރުވެގެން ހިނގައިދާނެއެވެ. އިންޑިއާގެ ހޮސްޕިޓަލު ތަކުގައި ފަރުވާ ނުދެވިގެން ކޮވިޑުގައި މަރުވާ މީހުންގެ އަދަދު ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރު ވަމުންނެވެ. އޮކްސިޖެން ނުލިބިވެސް އެތައް ބަޔެއްގެ ފުރާނައަށް ވަނީ ނުރައްކާވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު