ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާ ދިއްލީގެ ފުރަބަންދު މެއި މަހުގެ 3 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފައިވާ ކަމަށް ދިއްލީ ސަރުކާރުން މިއަދު އަންގައިފިއެވެ.

މި ފުރަބަންދަކީ މިދިޔަ އަހަރުގެ މާރިޗު މަހު ކުރެވުނު ފަދަ ފުރަބަންދެއް ނޫން ނަމަވެސް ވަރަށް ބައިވަރު ކަންތައްތައް ވަނީ މަނާކުރެވިފައެވެ. އޭގެތެރޭގައި އިޖުތިމާއީ އެއްވުންތަކާއި، އަމިއްލަ އޮފީސްތަކާއި ފިހާރަތަކާއި މޯލްތަކާއި، ސިނަމާތަކާއި، ރެސްޓޯރެންޓްތަކާއި، ބަރތަކާއި، ޖިމްތަކާއި، ދީނީ، މުނިފޫހިފިލުވުން، އަދި ސިޔާސީ އެއްވުންތަކާއި ހަރަކާތްތައް ވެސް ވަނީ މަނާކުރެވިފައެވެ.

ދިއްލީގެ މި ފުރަބަންދުގައި ބޭރުގައި އުޅުމުގެ ހުއްދަ ލިބިފައިވަނީ އިލެކްޓްރޯނިކް މީޑިއާގެ ފަރާތްތަކާއި، ސަރުކާރު މުވައްޒަފުންގެ ތެރެއިން ސިއްހީ ދާއިރާއާއި، ފުލުހުންނާއި އަލިފާނާއި ފެނާއި ކަރަންޓުގެ މަސައްކަތް ކުރާ ފަރާތްތަކާއި، ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ އެހެން ފަރާތްތަކާއި އޮކްސިޖަން ފޯރުކޮށްދިނުމުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކަންޏެވެ.

ނަމަވެސް ފުރަބަންދުގެ ދެވަނަ ހަފުތާގައި ސަރުކާރުގެ ހުއްދައާއި އެކު ބައެއް އެހެން ތަންތަން ހުޅުވުމަށް ވެސް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް ދިއްލީ ޑިސާސްޓަރ މެނޭޖުމަންޓު އޮތޯރިޓީން ބުނެފައިވެއެވެ. އަދި ކާބޯތަކެތި ގަތުމަށާއި ބޭންކު މުވައްޒަފުންނާއި ބޭސް ފަދަ މުހިންމު ތަކެތި ގަތުމަށް ގެއިން ބޭރަށް ނިކުތުމަށް ވެސް ސަރުކާރުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ.

އިންޑިއާއަށް އެރި ކޮވިޑް-19ގެ ދެވަނަ ރާޅާއި އެކު ވަނީ ބިރުވެރިކަން ފެތުރި ދުވަހަކު ވެސް ހާލަތު ގޯނުވާ ވަރަށް ގޯސްވެފައެވެ. ފަރުވާ ނުލިބިގެން ވެސް އެތައް ބަޔަކު ދަނީ މި ބަލީގައި މަރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު