އިރާގުގެ ވެރިރަށް ބަޣުދާދުގައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކޮށްފައިވާ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 82 އަށް އަރާފައިވާ ކަމަށް އެގައުމުގެ އިންޓީރިއަރ މިނިސްޓްރީން ހާމަ ކޮށްފިއެވެ.

މި ހާދިސާގައި އިތުރު 110 މީހަކު ވެސް ޒަހަމް ވެފައިވާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

އަލިފާން ރޯވީ ބަޣުދާދުގައި ހުންނަ އިބްނު އަލް ހަތީބު ހޮސްޕިޓަލްގައެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެމުން ހޮސްޕިޓަލުގެ ދެ އޮފިޝަލަކު ބުނީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އޮކްސިޖަން ޓޭންކެއް ގޮވައިގެން ކަމަށެވެ.

އިރާގުގެ ބޮޑުވަޒީރު މުސްޠަފާ އަލް-ކަދީމީ ވަނީ ހޮސްޕިޓަލްގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވި ސަބަބު ދެނެގަތުމަށް ތަހްގީގެއް ފެށުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަމުރު ކުރައްވާފައެވެ. އެއާއި އެކީ ކަމާއި ބެހޭ އިދާރާތަކުން މިހާރު ވަނީ މި ހާދިސާ ހިނގަން މެދުވެރި ސަބަބުން ހޯދުމުގެ މަސައްކަތް ފަށާފައެވެ.

އިރާގުން މިލިއަނަކަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައެވެ. ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާ އިން ފެށިގެން އެގައުމުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހަކަށްވުރެ ދުވަހަކު ގޯސްވަމުންނެވެ.

މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު އެގައުމުން ހަހާހަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެއެވެ. ނަމަވެސް ޖަނަވަރީ މަހު ދުވާލަކު އެވްރެޖްކޮށް ފައްސިވީ 800 މީހުންނެވެ.