ކޮވިޑް-19 އިން ދިފާއުވުމަށް އެމެރިކާގައި ފުރަތަމަ ޑޯޒްގެ ވެކްސިން ޖެހި އެތައް މިލިއަން ބަޔަކު ދެވަނަ ޑޯޒް ނުޖަހައި ދޫކޮށްލާފައިވާ ކަމަށް އެމެރިކާގެ ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން (ސީޑީސީ) އިން ބުނެފިއެވެ.

ސީޑީސީ އިން މިއަދު ބުނީ ފައިޒާ އާއި މޮޑާނާގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން %8 މީހުން ދެވަނަ ޑޯޒް ޖަހަން އޮތް މުއްދަތުގައި ދެވަނަ ޑޯޒް ޖަހާފައި ނުވާކަމަށެވެ. އެހެންކަމުން އެމެރިކާ އިން ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒް ޖަހަން ޖެހޭ މުއްދަތުގައި ފަސް މިލިއަން މީހުން ވަނީ ދެވަނަ ޑޯޒް ނުޖަހައި ކަމަށް ސީޑީސީގެ މައުލޫމާތުތަކުން ދައްކައެވެ.

ދެވަނަ ޑޯޒް ގިނަ އަދަދެއްގެ މީހުން ނުޖަހައި ތިބި ކަމަށް ތަފާސް ހިސާބުތަކުން ދައްކާފައި ވާއިރު އެމެރިކާގައި މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ވެސް ގިނަ މީހުންގެ ޝައުގުވެރިކަމެއް ނެތެވެ. އެމެރިކާގެ އާބާދީ 328.2 މިލިއަނަށް އަރާއިރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ ގާތްގަނޑަކަށް %40 މީހުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ވެކްސިން ޖަހަން ނިކުންނަނީ ވެސް މަދު އަދަދެއްގެ މީހުންނެވެ. އެހެންވެ މިހާރު އެމެރިކާގެ ބައެއް ސަރަހައްދުގައި ހުރި ވެކްސިން ސެންޓަރުތައް ވެސް ވަނީ ބަންދު ކޮށްފައެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ވެކްސިން ޖެހުމަށް އެމެރިކާ މީހުންގެ ޝައުގުވެރިކަން ކުޑަވަމުން ދިއުމަކީ އެމެރިކާގައި ކޮވިޑް ކޮންޓްރޯލް ކުރަން އޮތް ވަރަށް ބޮޑު ހުރަހެކެވެ. އެންމެ މަދުވެގެން ވެސް އާބާދީގެ %60 މީހުންނަށް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. ނަމަވެސް މިހާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާގައި އެއަމާޒަށް ވާސިލް ވެވިދާނެ ކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު