ސައުދީ އަރަބިއްޔާ އިން 80 މެޓްރިކް ޓަންގެ އޮކްސިޖަން އިންޑިއާ އަށް ފޮނުވައިފިއެވެ.

ސައުދީން އެތައް ޓަނެއްގެ އޮކްސިޖަން އަވަށްޓެރި އިންޑިއާ އަށް ފޮނުވާފައި މިވަނީ އިންޑިއާގައި މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމާ ގުޅިގެން ގިނަ ބަޔަކު ބަލިވެ އޮކްސިޖަން ލިބުމުގެ ދަތިކަން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

އާދީއްތަ ދުވަހު އެކަނިވެސް އިންޑިޔާގައި ތިން ލައްކަ އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާއިރު އެ ގައުމުގައި މިހާރު ހަލުވިކަމާ އެކީ ފެތުރެމުންދާ ކޮވިޑްގެ ބަލިމަޑުކަން ދުވަހުން ދުވަހަށް އަންނަނީ ގޯސް ވަމުންނެވެ. ބަލިވާ މީހުންގެ އަދަދު އިތުރުވެ ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ވެސް އިންޑިއާގައި ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް 2،700 އަށްވުރެ ގިނަ މީހުން އިންޑިޔާއިން ވަނީ މަރުވެފައެވެ.

ސައުދީން އިންޑިއާ އަށް ފޮނުވާފައި ވަނީ ލިކުއިޑް އޮކްސިޖަންއެވެ. މި އޮކްސިޖަން ޝިޕްމެންޓު އިންޑިއާ އަށް ގެންދަނީ އަދާނީ ގުރޫޕާއި ލިންޑޭ ކޮމްޕެނީ އިންނެވެ.

އިންޑިއާގައި މިހާރު ފެތުރެމުންދަނީ ކޮވިޑް ބަލިމަޑުކަމުގެ ދެވަނަ ރާޅެވެ. ފާއިތުވި ދުވަސްތަކުގައި ދުވާލެއްގެ މައްޗަށް ތިންލައްކައެއްހާ މީހުން ކޮވިޑަށް ފައްސިވާއިރު އިންޑިއާގެ ހޮސްޕިޓަލްތައް މިހާރު ވަނީ ބަލި މީހުން އިން ފުރާލާފައެވެ. އަދި ކޮވިޑަށް ފައްސިވާ މީހުންގެ ތެރެއިން ނާޒުކު ހާލަށްދާ ފަރާތްތައް ވެންޓިލޭޓަރުތަކުގެ އެހީގައި ފަރުވާދެމުންދާއިރު އޮކްސިޖަން ނުލިބި ހިނގައިދިޔަ އެކި ހާދިސާތަކުގައި އެތައް ބައެއްގެ ފުރާނަވަނީ ގޮސްފައެވެ.

އިންޑިއާ އަށް ދިމާވެފައިވާ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ދުނިޔޭގެ އެކި ގައުމުތަކުން އެހީތެރިވާން ފަށާފައިވާއިރު އޮކްސިޖަން ލިބުމުގެ މައްސަލަ ހައްލުކުރުމަށް އިންޑިއާ ސަރުކާރުން ވެސް ދަނީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އޮކްސިޖަން އުފުއްލާ އުޅަނދުތައް ހޯދައި ކައިރި ގައުމުތަކުން އޮކްސިޖަން ގެނައުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހްމަދުގ

    ސައޫދީ ބެސްޓް

    6
    1
  2. ނޫސްކިޔާމީހާ

    الحمدالله

  3. ގެރި

    އަދިވެސް މުސްލިމުންނާ ދެކޮޅަށް ފިޔަވަޅުއަޅާތި..