ހަލުވިކަމާ އެކު އިންޑިއާގައި ކޮވިޑް-19 ފެތުރެމުން އަންނާތީ ގިނަ ގައުމުތަކަކުން އެހީތެރިވުމަށް ނިންމައިފިއެވެ.

އިންޑިއާ އަށް އެރި ކޮވިޑްގެ ދެ ވަނަ ރާޅާއެކު ގިނަ ބަޔަކު ކޮވިޑަށް ފައްސިވެ ގައުމުގެ ސިއްހީ ދާއިރާ މުޅިން ވަނީ ފެއިލްވެފައެވެ. ފަރުވާ ދިނުމަށް ބޭހާއި އޮކްސިޖަންގެ ދަތިކަން ބޮޑުވެ ގިނަ ބަޔަކަށް ފަރުވާ ދިނުމަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

މި ދަނޑިވަޅުން އަރައިގަތުމަށް އިންޑިއާ އަށް އޮކްސިޖެން އާއި ބޭސް ޝިޕްމެންޓެއް ވީހާވެސް އަވަހަކަށް ފޯރު ކޮށްދޭނެ ކަމަށް ބައެއް ގައުމުތަކުން ވަނީ ވައުދުވެފައެވެ.

އެމެރިކާއިން ބުނެފައިވަނީ މިހާރު އިންޑިއާއަށް ބޭސް ފޮނުވުމާއި، ކޮވިޑަށް ޓެސްޓު ކުރުމަށް ކިޓާއި ވެންޓިލޭޓަރު އަދި އަމިއްލަ މީހާ ރައްކާތެރި ކުރުމަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން އޮކްސިޖެން ވެސް ފޯރު ކޮށްދޭނެ ކަމަށް އެގައުމުން ބުނެފައިވެއެވެ.

ވައިޓްހައުސްއިން ބުނީ އިންޑިއާގައި ކޮވިޝީލްޑް ވެކްސިން ތައްޔާރު ކުރަން ބޭނުންވާ އާލާތްތައް މިހާރު ހޯދިފައިވާ ކަމަށާއި، އެތަކެތި ވެސް ފޯރު ކޮށްދޭނެ ކަމަށެވެ.

ފްރާންސާއި އިނގިރޭސި ވިލާތުގެ އިތުރުން ޖަރުމަނު ވިލާތުން ވެސް އިންޑިއާއަށް ވަރަށް އަވަހަށް އެހީތެރިކަން ފޯރު ކޮށްދޭނެ ކަން ވަނީ ކަށަވަރު ކޮށްދީފައެވެ. ޕާކިސްތާނުން އިންޑިއާއަށް އެމްބިއުލާންސް ހަދިޔާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ގިނަ ގައުމުތަކަކުން އިންޑިއާއަށް އެހީތެރިކަން ފޯރު ކޮށްދޭން ނިންމާފައިވަނީ އެގައުމުގައި ކޮވިޑަށް ފައްސިވާ މީހުންނާއި ކޮވިޑުގައި މަރުވާ މީހުންގެ އަދަދު ރިކޯޑު އަދަދަކަށް އިތުރުވެފައި ވަނިކޮށެވެ.