އިރާގުގައި ބަޣުދާދްގައި ހުންނަ އިބްނު އަލް ހަތީބް ހޮސްޕިޓަލްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ގައުމުގެ ހެލްތު މިނިސްޓަރާ ގަވަރުނަރު ސަސްޕެންޑްކޮށްފިއެވެ.

ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކުރެވިފައިވާ ހޮސްޕިޓަލްގައި އަލިފާން ރޯވެ 82 މީހަކު ވަނީ މަރުވެފައެވެ. އަދި މި ހާދިސާގައި 110 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް އިރާގުގެ އިންޓީރިއާ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެ ހާދިސާއަށް ފަހު އިރާގުގެ ހެލްތު މިނިސްޓަރު ހަސަން އައްތަމީމީ އާއި ބަޣުދާދުގެ ގަވަރުނަރު މުހައްމަދު ޖާބިރު ޖާބިރު ސަސްޕެންޑް ކުރަން ކެބިނެޓުން ނިންމީ ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެއްލެވުމަށް ތަހުގީގް ކުރަމުންދާތީއެވެ.

ބޮޑުވަޒީރުގެ އޮފީހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ މި މައްސަލައިގެ ތަހުގީގު ވަކި ގޮތަކަށް ނިމެންދެން އިރާގުގެ ހެލްތް މިނިސްޓަރާއި ބަޣްދާދުގެ ގަވަރުނަރު ހުންނަވާނީ ޒިންމާތަކުން ދުރުގައި ކަމަށެވެ.

އިބްނު އަލް ހަތީބު ހޮސްޕިޓަލުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަށަވަރުވެފައި ނުވި ނަމަވެސް، ގިނަ މީޑިއާ ރިޕޯޓުތައް ބުނަމުން ދަނީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އޮކްސިޖެން ޓޭންކެއް ގޮވައިގެން ކަމަށެވެ. މި މައްސަަލަ ތަހުގީގް ކުރުމަށް ކޮމިޓީއެއް އެކުލަވާލައި ކޮމިޓީގެ އިސްވެރިޔަކަށް ހަމަޖައްސައިފައިވަނީ އިންޓީރިއާ މިނިސްޓަރ އުސްމާން އަލްޣާނިމީއެވެ.

މި ހާދިސައިގައި މަރުވި މީހުންގެ ހަނދާނުގައި ގައުމީ ހިތާމައިގެ ތިން ދުވަސް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.