އިންޑިއާގައި ކޮވިޑް-19 ބަލިމަޑުކަން ކޮންޓްރޯލުން ނައްޓައި އޭގެ ސަބަބުން އެތައް ބައެއްގެ ފުރާނައަށް ދަނީ ނުރައްކާވަމުންނެވެ.

ދުނިޔެއިން ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާގެ ހޮސްޕިޓަލުތައް ފުރި، ގައުމުން އޮކްސިޖެން ހުސްވެ ބޭހަށް ޖެހިފައިވުމުން އެތައް ބަޔަކަށް އޭގެ އަސަރު ދަނީ ކުރަމުންނެވެ. ހޮސްޕިޓަލުން ފަރުވާ ދިނުމަށް ބަލިމީހާ އެނދުމަތި ކުރާނެ އެނދެއް ނެތި މަގުގެ ދުވާރު މަތީގައި ތިބެ ކޮވިޑު ޖެހިފައި ތިބޭ މީހުންގެ ފަހު ނޭވާ ދޫކޮށްލަނީ ވޭނާ އެކުއެވެ.

އިންޑިއާގެ ހާލަތު މިވަރަށް ގޯސްވެ، ދުވާލަކު ތިންލައްކަ އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވާން ފެށުމުން ގިނަ ގައުމުތަކަކުން ދަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ބީބީސީގެ ނޫސްވެރިން އިންޑިއާގެ ހާލަތު ވަރަށް ކައިރިން ބަލައި، ވީޑިއޯ ރިޕޯޓެއް ހާމަ ކޮށްފައިވެއެވެ. ނޫސްވެރިޔާ ނިކޮލާ ކަރީމް އޭނާއަށް ފެނުނު މަންޒަރު ސިފަކޮށްފައިވަނީ ހިތާމަވެރިކަމާއި އެކު އެހާމެ ބިރުވެރި މަންޒަރެއްގެ ގޮތުގައެވެ.

"މިހާ ބިރުވެރި މަންޒަރެއް އަދި ނުދެކެން. ގަބޫލެއް ނުކުރެވޭ މިހުރެވުނީ އިންޑިއާގެ ވެރި ރަށުގައި ކަމަކަށް. މީހުންނަށް އޮކްސިޖެން ނުލިބި މަރުވަނީ" ބީބީސީގެ ނޫސްވެރިޔާ ނިކޮލާ ކަރީމް ބުނެފައިވެއެވެ.

"މިހާ ބިރުވެރި ހާލަތެއް ދުވަހަކު ވެސް ނުދެކެން. އަހަރެންނަށް ގަބޫލު ވެސް ނުކުރެވުނު މިތިބެވެނީ އިންޑިއާގެ ވެރިރަށުގައި ކަން. މީހުންނަށް އޮކްސިޖަނެއް ނުލިބޭ. އެމީހުން މަރުވަނީ ޖަނަވާރުތައް މަރުވާ ފަދައިން،" އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ހާލަތު ނޫސްވެރިޔާ ޓުވިޓާގައި ކިޔައިދީފައިވެއެވެ.

އިންޑިއާގެ ގިނަ ސްޓޭޓްތަކެއް ކޮވިޑް ކޮންޓްރޯލް ނުވާން ފެށުމުން ވަނީ ފުރަަބަންދު ކޮށްފައެވެ. ހާލަތު މިހާ ގޯސްވާން މެދުވެރިވީ މާސްކު ނާޅާ އުޅުމާއި، ގިނަ މީހުން އެއްވެ ބޮޑެތި ހަފްލާތައް ކުރިޔަށް ގެންގޮސް ސަކަރާތާއި މަޖަލުގައި އުޅެނިކޮށެވެ. މިހާލަތާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އިންޑިއާއަށް ކުރިމަތި ވެފައި މިވަނީ ކޮވިޑް-19 ތޫފާނެއް ކަމަށާއި، ގައުމު ގުޑުވާލައިފި ކަމަށެވެ.

އިންޑިއާއިން މިހާތަނަށް ކޮވިޑުގައި 195،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ކޮންމެ ފަސް މިނެޓަކުން އެކަކު މަރުވެގެން ދާއިރު އިންޑިއާގެ ސަަހަރާތަކުން އަލިފާން ނުނިވެއެވެ. ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު އިތުރުވަމުން ގޮސް ސަހަރާ ތަކުގައި މަސައްކަތް ކުރާ މީހުންނަށް މަރުވާ މީހުންގެ ހަށިތައް އެންދުމާއި ވަޅުލުމަކީ ބުރަ ބޮޑު ކަމަކަށް ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އަލްހަމްދުލިﷲ

    13
    29
  2. ޢިބުރަތް

    ﷲގެކުޅަދުންވަންތަކަން އިއްޔެ އުފަލާ އަރާމް މިއަދު ހިއްދަތިކަން

    33
    3
  3. ާައާދަމުގެ ދަރި

    އިންސާނިއްޔަތުކަން ހުންނަންވާނެ.. ނަ މަވެސް ހިތަށް އަރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާވެރި ގޮތުގައި އެތައް މުސްލި މުންނެއް މަރުވެ އަދި ބަނޑު ހައި ހޫނުކަ މުގައި މަރުވެގެން ދާއިރު ބީބީސީ ކޮބާ.

    26