އިންޑިއާ އިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 319،435 އަށް އަރައިފިއެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އިންޑިއާއަކީ މިވަގުތު އެންމެ ވަރުގަދަ އަށް ކޮވިޑް ފެތުރިފައި އޮތް ގައުމެވެ. އެ ގައުމުން މިހާތަނަށް 17 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 197،000 އަށް ވުރެ ގިނަ މީހުން މި ބަލީގައި ވަނީ މަރުވެފައެވެ.

އިންޑިއާ އިން އިއްޔެ އެކަނި ވެސް 2،771 މީހުން ކޮވިޑް ޖެހިގެން ވަނީ މަރުވެފައެވެ.

އިންޑިއާގެ ހާލަތު މިހާ ގޯސްވެފައިވުމުން، މިހާރު ވަނީ ސިފައިންގެ އެހީއަށް އެދިފައެވެ. ހޯމަ ދުވަހު އިންޑިއާގެ ހޮސްޕިޓަލުތައް ފުރި ފަރުވާ ދެވެން އެނދުމަތި ކުރެވެން ނެތުމުން އެތައް ބަޔަކަށް ފަރުވާ ނުދީ ގެޔަށް ފޮނުވާލައިފައިވެއެވެ.

"ދުވާލެއްގެ މައްޗަށް ކޮވިޑަށް ފައްސިވާ މީހުން ބޮޑުތަނުން މަދުވެފައި އެވަނީ ދުވާލަކު ޓެސްޓު ކުރާ މީހުންގެ އަދަދު މަދުވެފައިވާތީ" އިންޑިއާގައި އިސްކޮށް ހަރަކާތްތެރިވާ ސިއްހީ ތަޖުރިބާކާރަކު ބުނެފައިވެއެއެވެ.

އިންޑިއާގައި ގިނަ ބަޔަކު ކޮވިޑަށް ފައްސިވެ ރިކޯޑު އަަދަދަކަށް މަރުވަމުންދާތީ ސިފައިންގެ އެހީއަށް އެދުނު އިރު، ސިފައިންގެ އިސް ވެރިޔާ ބިިޕިން ރަވާޓް އިއްޔެ ބުނެފައި ވަނީ ސިފައިންގެ ސްޓޯރުގައި ރައްކާކުރެވިފައި ހުރި ތަނުން އޮކްސިޖެން ފޯރު ކޮށްދޭނެ ކަމަށާއި، ރިޓަޔާ ވެފައިތިބި މެޑިކުން ސިއްހީ ދާއިރާގެ ހިދުމަތްތެރިންނާއެކު މަސައްކަތް ކުރަން ފަށާނެ ކަމަށެވެ.

އިނގިރޭސި ވިލާތުން ފޮނުވާފައިވާ 100 ވެންޓިލޭޓަރާއި 95 އޮކްސިޖެން މެޝިން ވަނީ މިއަދު ހެނދުނު ދިއްލީއަށް ލިބިފައެވެ. އަދި އިނގިރޭސި ވިލާތުން އޮކްސިޖެން ފޯރު ކޮށްދެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން އެހެން ގައުމުތަކުން ވެސް އިންޑިއާއަށް އެހީތެރިކަން ފޯރު ކޮށްދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު