އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކޮވިޑް ޖެހިގެން މަރުވެފައިވާ މީހުންގެ ތެރެއިން ހާހަކަށް ވުރެ ގިނަ މީހުންގެ ރިކޯޑުތައް ގެއްލިއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ރަސްމީ ކޮވިޑް ޗެކްލިސްޓާއި ސަހަރާގެ ރިކޯޑުތަކަށް ބަލާއިރު، ރިކޯޑު ދިމާނުވާ މައްސަލަ ވަނީ ބޮޑުވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން މަރުވެފައިވާ މީހުންގެ ތެރެއިން 1،150 ގެ ތަފާތަކުން ރިކޯޑުތައް ދިމައެއް ނުވެއެވެ.

އެޕްރީލް މަހުގެ 18 ވަނަ ދުވަހާއި 24 ވަނަ ދުވަހާ ދެމެދު 3،096 މީހުން ކޮވިޑުގައި މަރުވެފައިވާ ކަމަށް ދިއްލީގެ މުނިސިޕަލް ކޯޕަރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ބައެއް މީހުން ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް މަރުވެގެން ހަށިތައް ގެންނަ އިރު، އަނެއް ބަޔަކު ސަހަރާއަށް މީހުން ގެންނަނީ ގެއިންނެވެ. ނަމަވެސް، ރިޕޯޓުތަކަށް ބަލާއިރު ފެނިގެން ދަނީ ކޮންމެ މަރަކީ ވެސް ނޭވާލާ ނިޒާމުގެ މައްސަލަތަކެއް ހުރެގެން ދިމާވާ މަރެއް ކަމެވެ.

ހޮސްޕިޓަލުގައި މަރުވާ މީހުންނަކީ ކޮވިޑް މަރުގެ ގޮތުގައި ކަނޑައަޅާއިރު، ގޭގައި މަރުވެފައިވާ މީހުންގެ މަރު ކަނޑައަޅަމުން ދަނީ ގުދުރަތީ މަރުގެ ގޮތުގައި ކަމަށް ސަހަރާގައި މަސައްކަތް ކުރާ މީހަކު މީޑިއާއަށް މައުލޫމާތު ދީފައިވެއެވެ.

ދިއްލީގައި ކޮވިޑުގައި މަރުވާ މީހުންގެ ރިކޯޑު ދިމާނުވާ ކަމަށް ބުނެ އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ. އިންޑިއާ އަށް އެރި ކޮވިޑުގެ ދެވަނަ ރާޅުގައި އެގައުމުން ކޮވިޑުގައި މަރުވާ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް ހާހަކަށް ވުރެ ގިނައެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ ފަރާތުން ސީނިއާ އޮފިސަރަކުވެސް ވިދާޅުވީ ދިއްލީގައި މަރުވާ މީހުންގެ ރިކޯޑު ދިމާނުވާ ކަމަށެވެ. އެހެން ކަންތައް ދިމާވަނީ ސަރުކާރުން މަރުވާ މީހުންގެ ތެރޭގައި ރިކޯޑު ކުރަމުންދަނީ ހަމަ އެކަނި މޯޗަރީ މެދުވެރިކޮށް ސަހަރާއަށް ގެންނަ ހަށިތައް ކަމަށް ވާތީއެވެ. އެތައް ބައެއްގެ ހަށިތައް ސީދާ ގެއިން ސަހަރާއަށް ގެންނަމުން ދާއިރު އެމީހުންގެ މައުލޫމާތު ރިކޯޑު ކޮށްފައި ނުވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު