އަވައްޓެރި ސްރީލަންކާ އިން ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް މިއަދު ފައްސިވެއްޖެއެވެ. ލަންކާ ސަރުކާރުން ދެންމެ އާއްމުކުރި މައުލޫމާތުތައް ދައްކާ ގޮތުގައި އެގައުމުން މިއަދު ވަނީ 1111 މީހުން ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން މިއަދަކީ މިހާތަނަށް ލަންކާ އިން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

ފެބްރުއަރީ މަހުން ފެށިގެން ލަންކާގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅު ވަމުން އައުމަށް ފަހު ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެ ފަހުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ލަންކާ ސަރުކާރުން މިއަދު ބުނީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވާން ފެށުމުން އެގައުމުގައި އިތުރު ފިޔަވަޅުތައް ބަލި ކޮންޓްރޯލް ކުރަން އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ވަނީ ހުރިހާ ސްކޫލްތަކެއް ބަންދުކޮށްފައެވެ.

ލަންކާ ސަރުކާރުން ބުނީ އެގައުމުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އައި ނަމަވެސް އިންޑިއާ އިން ލަންކާ އަށް ކުރަމުން އަންނަ ފްލައިޓް ދަތުރުތައް ހުއްޓާލަން އަދި ނިންމާފައި ނުވާ ކަމަށެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް އޮކްސިޖަން ނުލިބުމުގެ ދަތިކަން ލަންކާއަށް ކުރިމަތި ނުވާނެ ކަމަށް ވެސް މިއަދު ލަންކާ ސަރުކާރުން ބުންޏެވެ.

ލަންކާ އިން މިހާރު ވަނީ އޮކްސްފޯޑް ވެކްސިންގެ ދެވަނަ ޑޯޒް ސިއްހީ ދާއިރާގެ ފުރަތަމަ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭން ފަށަން ވެސް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު