އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ ބަލި މީހުންނަށް އޮކްސިޖެން ނުލިބި މަރުވާ މައްސަަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އިންޑިއާގައި މީހުން އޮކްސިޖަން ނުލިބި މަގުމަތީގައި އާދޭސްކުރާ ހާލާއި މަރުވާ މަންޒަރުތައް ފެންނަ ވީޑިއޯ އާއި ފޮޓޯތައް ވެސް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. މިގޮތަށް މިހާރު ދައުރުވާ ބައެއް ފޮޓޯތަކުން އަންހެނަކު އޭނާގެ ފިރިމީހާ ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރާ މަންޒަރު ފެނެއެވެ.

ފިރިމީހާ ސަލާމަތް ކުރާނެ އިތުރު ގޮތެއް ނެތިގެން އެ އަންހެން މީހާ ފިިރިމީހާ އަށް ސީޕީއާރު ދޭން މަސައްކަތް ކުރާ މަންޒަރުވެސް ބައެއް ފޮޓޯތަކުން ފެނެއެވެ. މިއީ އާގްރާގައި ހިނގި ހާދިސާއެކެވެ. ރޭނޫ ސިންހާލް ކިޔާ އެ އަންހެން މީހާގެ ފިރިމީހާ ކޮވިޑަށް ފައްސިވެ ހާލަތު ނާޒުކުވި ނަމަވެސް އޭނާ އަށް ހޮސްޕިޓަލުން އެނދެއް ނުލިބެއެވެ. ރޭނޫ ވަނީ އޭނާގެ ފިރިމީހާ ރަވީ ސެންހާލްގެ ފުރާނަ ސަލާމަތްކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ.

ރަވީ މަރުވީ އެސްއެން މެޑިކަލް ކޮލެޖުގެ ބޭރުގައި އޮޓޯއެއްގައި މަޑުކޮށްލައިގެން ހުއްޓާއެވެ. އެތަނުގައި މަޑުކޮށްގެން ހުރީ ހޮސްޕިޓަލުން ޖާގައެއް ލިބެންދެނެވެ. އޭނާ މަރުވިކަމަށް ނިންމީ އެސްއެން މެޑިކަލް ކޮލެޖުން ބެލުމަށް ފަހުގައެވެ.

ކޮވިޑް-19 ހާލަތު އެންމެ ނުރައްކާތެރި ގައުމެެެއްގެ ގޮތުގައި މިހާރު ބެލެވިފައިވާ އިންޑިއާއިން އެ ބަލީގައި މަރުވި މީހުންގެ އަދަދު ދެ ލައްކައަށް ވަނީ އަރައިފައެވެ.

އިންޑިއާއަކީ ކޮވިޑް-19 ގައި މިވަގުތު ދުނިޔެއިން ވެސް އެންމެ ނުރައްކާ ބޮޑުވެފައިވާ ގައުމުކަމަށް ވާއިރު އެއްވެސް ހިފެހެއްޓުމެއް ނެތި އެ ގައުމުގައި މި ބަލިމަޑުކަން ދަނީ ފެތުރެމުންނެވެ. އަދި ވަސީލަތްތައް މަދުވެ ހޮސްޕިޓަލް ފުރި ބާރުވުން ފަދަ މައްސަލަތަކާ އަންނަނީ ކުރިމަތިވަމުންނެވެ. މިކަމުގެ ސަބަބުން އެތައް ބަޔަކަށް ފަރުވާ ނުދެވިވެސް އެބަތިއްބެވެ.

ރިޕޯޓްތައް ބުނާގޮތުން އިންޑިއާއިން ކޮވިޑް-19 އަށް ފައްސިވެ މަރުވާ ކަމަށް ކޮންމެ ދުވަހަކު ރެކޯޑް ކުރެވޭ އަދަދުތަކަށްވުރެ، އަސްލު އަދަދުތައް އެތައް ގުނައެއް އިތުރުވާނެއެވެ. އަދި އެ ގައުމުގެ ހާލަތު ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ސިއްހީ މާހިރުން ވަނީ ދީފައެވެ.

އިންޑިއާއިން މިއަދުވެސް ރެކޯޑް އަދަދަކަށް މީހުން ފައްސިވިއިރު، އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 17.98 މިލިއަނަށް އަރައިފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 14.8 މިލިއަން މީހުންނެވެ.