އިންޑިއާގެ ނިއުދިއްލީގައި ކޮވިޑް-19 ޖެހިގެން މީހަކު މަރުވުމާއެކު އޭނާގެ އައިލާގެ މެމްބަރުން ހޮސްޕިޓަލްގައި ތިބި ޑޮކްޓަރުންނަށް ހަމަލާދީފިއެވެ.

އުމުރުން 67 އަހަރުގެ އަންހެން މީހާ މަރުވެފައި ވަނީ އައިސީޔޫ އިން އެނދު ނުލިބިގެންނެވެ. އެޕޯލޯ ހޮސްޕިޓަލްގެ ބޭރުގައި އޮއްވައި އެމީހާ މަރުވި އިރު، އާއިލާގެ މެމްބަރުން ވަނީ ހޮސްޕިޓަލްގެ މުވައްޒަފުންނަށް ވެސް ހަމަލާދީ މާރާމާރީ ހިންގައިފައެވެ.

މި މާރާމާރީގައި ބައެއް މީހުންނަށް އަނިޔާވި އިރު، އެ ތަނަށް ފުލުހުން ދިޔައީ އެކަން ހިނގިތާ ގަޑިއިރެއް ފަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

''އަހަރުމެންނަށް ކޯލެއް އައީ ހެނދުނު ނުވައެއް ޖެހި އިރު، އޭރު ދިޔަ އިރު އަންހެނަކު މަރުވެފައި އޮއްވާ ފެނުނު. މަރުވެފައިވާ މީހާގެ އާއިލާ މީހުން ޒުވާބު ކުރަމުންދޭ." ދިއްލީގައި މަސައްކަތް ކުރާ ފުލުހަކު އިންޑިއާގެ ނޫހަކަށް ބުންޏެވެ.

ހޮސްޕިޓަލްގެ ކެެމެރާއިން ފިރިހެނުން ހިމެނޭ ގްރޫޕަކުން ތަޅާފޮޅަމުންދާ މަންޒަރު ވެސް ފެނިފައިވެއެވެ.

އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. އެގޮތުން ކޮންމެ ދުވަހަކު ހެން އެ ގައުމުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އުޅެނީ ތިން ލައްކަ އަށް ވުރެ މަތީގައެވެ. މި ބަލީގައި ކޮންމެ ދުވަހަކު ހެން މިހާރު 2،000 އަށް ވުރެ ގިނަ މީހުން މަރުވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު