ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ދިނުމުގެ ބަދަލުގައި ބޭސް ގުޅައެއް ކާލައިގެން ވެސް ކޮވިޑުން ދިފާއުވެވިދާނެ ދުވަސް ވަރަށް ކައިރިވެއްޖެ ކަމަށް ފައިޒާ ކުންފުނިން ބުނެފިއެވެ.

ކޮވިޑުން ދިފާއުވުމުގެ ވެކްސިން ވެސް އުފައްދާފައިވާ ފައިޒާ ކުންފުނިން ބުނީ މިއަހަރު ނިމެން ވާއިރަށް ކޮވިޑުން ދިފާއުވުމުގެ ބޭސް އާއްމުކޮށް ލިބެން ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ. މިބޭސްގުޅަ އުފައްދައި މިހާރު ދަނީ އިންސާނުން ބޭނުން ކޮށްގެން ތަހްލީލްތައް ކުރަމުންނެވެ.

ފައިޒާ އިން ބުނީ ކޮވިޑުން ދިފާއުވުމަށް އުފެއްދި ބޭހުގެ ތަހްލީލްތައް އެމެރިކާ އާއި ބެލްޖިއަމްގައި މިހާރު ކުރިއަށްދާ ކަމަށެވެ. ފުރަތަމަ މަރުހަލާގެ ތަހްލީލްތައް ނިމި މެއި މަހުގެ ފަހުކޮޅު އެތަހްލީލްތަކުގެ ނަތީޖާ ލިބޭނެ ކަމަށް ފައިޒާ އިން ބުނެއެވެ.

ފައިޒާ އިން ބުނާ ގޮތުުގައި PF-07321332 ނަން ދީފައިވާ މިބޭސް ދޭނީ ކޮވިޑްގެ އަލާމާތްތައް ފެންނަ މީހުންނަށެވެ. މިބޭސް ދިނުމުން ކޮވިޑް ޖެހުމުގެ ސަބަބުން ހާލު ބޮޑުނުވެ، އާދައިގެ ރޯގާއެއް އަލާމާތްތައް ފެނުމަށް ފަހު ބަލިން ރަނގަޅު ވާނެ ކަމަށް ފައިޒާ އިން ބުނެއެވެ.

ކޮވިޑަށް ބޭހެއް އުފެއްދުމަކީ މިބަލިމަޑުކަމުން ސަލާމަތްވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ސައިންސްވެރިން ބުނެއެވެ. ސަބަބަކީ އާބާދީގެ އެންމެނަށް ވެކްސިން ދިން ނަމަވެސް ވެކްސިނަކީ %100 މީހުން ބަލިން ސަލާމާތް ކޮށްދޭނެ އެއްޗަކަށް ނުވާނެތީއެވެ. އަދި އެންމެނަށް ވެކްސިން ދިނުން އެއީ ވެސް ކުރެވިދާނެ ކަމެއް ނޫނެވެ. އެހެންކަމުން ކޮވިޑް ޖެހޭ މީހުންނަށް ދޭނެ ބޭހެއް ކޮންމެހެން ބޭނުންވެއެވެ.

ފައިޒާ އިން އުފައްދާފައިވާ ބޭހުގެ ފުރަތަމަ މަރުހަލާގެ ތަހްލީލްގައި 60 މީހުން ބައިވެރި ކުރެއެވެ. މިތަހްލީލްގެ ނަތީޖާ ލިބޭނެ ކަމަށް ލަފާކުރެވެނީ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. މިތަހްލީލް ކާމިޔާބު ވެއްޖެނަމަ ގިނަ ބަޔަކު ބައިވެރިކޮށްގެން އިތުރު ތަހްލީލްތައް ކުރިއަށް ގެންދާނެއެވެ.

ކޮވިޑް ޖެހޭ މީހުންނަށް މިހާރު ދޭނެ ހާއްސަ ބޭހެއް ނެތުމުން ބައެއް ގައުމުތަކުގައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ދެނީ ގިނަ ބޭސްތަކެއް އެއްކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު