އިންޑިއާގައި ކޮވިޑް ބަލި މީހުން ގިނަވެ އެތައް ބައެއްގެ ފުރާނަ އަށް ވަނީ ނުރައްކާވާން ފަށައިފައެވެ. އިންޑިއާގެ ހާލަތު ގޯހުން ގޯހަށް ގޮސް ބަލި މީހުންނަށް އެނދު ނުލިބޭ ހިސާބަށް އެ ގައުމުގެ ހާލަތު ވަނީ ދަށަސް ގޮސްފައެވެ. އުއްތަރު ޕްްރަދޭޝް އާއި ނޮއިޑާ ފަދަ ތަންތަނުގެ ހާލަތު ގޯސްވެ މީހުން ވަނީ މީސްމީޑިއާގައި އެހީ އަށް އެދެން ފަށައިފައެވެ.

ނޮއިޑާގެ ބަލި މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހޮސްޕިޓަލްތަކުން ޖާގަ ނުލިބި މަގުމަތީގައި ގަނަ ތެޅެން މަޖުބޫރުވެފައި ތިބި އެތައް ބަޔަކު އެބަ ތިއްބެވެ. އޮކްސިޖަން ނުލިބި އޮކްސިޖަން ލެވެލް ދަށް ވުމުގެ ސަބަބުން މަގުމަތީގައި އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. އެ މީހުންނަށް އަޅާލުމެއް ދޭނެ ބަޔަކު ނެތެވެ. އަދި އެހީ ހޯދަން ދާނެ ތަނެއް ނެތި ގިނަ މީހުން ވަނީ ބިކަވެފައެވެ.

އޭގެ ތެރޭގައި ވަރަށް ހިތްދަތި ވޭދަނަތައް ވެސް މެދުވެރިވެފައި އެބަަހުއްޓެވެ. އެގޮތުން ނޮއިޑާގައި 55 އަހަރުގެ ބަލި މީހަކު އެނދުމަތި ނުކުރެވި އޮކްސިޖެން ލެވެލް 40 އަށް ވުރެ ދަށްވުމުން އޭނާގެ އާއިލާއިން ވަނީ އޭނާ ދިއްލީ އަށް ގެންގޮސްފައެވެ. ނަމަވެސް ފަރުވާ ލިބުން ލަސްވުމުން އޭނާ ބަލިން ރަނގަޅު ނުވެ ވަނީ މަރުވެފައެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އިންޑިއާގެ ގިނަ ސަރަހައްދުތަކުގައި މީހުންނަށް ފަރުވާ ނުދެވި ނުދާނެ ކަމުގެ ޔަގީންކަން ކަމާބެހޭ ފަރާތްތަކުން ދީފައިވާ ކަމެވެ. ނަމަވެސް ބަލީގެ ހާލަތު ގޯސްވެ އިނޑިއާގައި މިހާރު ވަނީ އަތްނުފޯރާ ފަށަށް ކަންކަން ގޯސްވެފައެވެ.

ކޮވިޑް-19 ހާލަތު އެންމެ ނުރައްކާތެރި ގައުމެެެއްގެ ގޮތުގައި މިހާރު ބެލެވިފައިވާ އިންޑިއާއިން އެ ބަލީގައި މަރުވި މީހުންގެ އަދަދު ދެލައްކައަށް ވަނީ އަރާފައެވެ.