އިންޑިއާގައި އުމުރުން އެއް އަހާރާއި ބައިގެ ތުއްތު ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެ ނޭވާލާން އުނދަގޫވެގެން އުޅުނުއިރުވެސް ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާދިނުމަށް ކިއުގައި ޖެހިގެން ހުއްޓާ މަރުވެއްޖެއެވެ.

އެ ކުއްޖާ މަރުވެފައި ވަނީ އަންދްރާ ޕްރަދޭޝްގެ ވިޝަޚަޕަޓްނަމްގެ ކިންގް ޖިއޯޖް ހޮސްޕިޓަލްގައެވެ. އެ ކުއްޖާ ކޮވިޑަށް ފައްސިވުމުން، އޭނާގެ ހާލާތު ގޯސްވަމުން ދިއުމާއެކު އާއިލާއިން ދިޔައީ، އޭނާގެ ފަރުވާގެ ކަންކަން އަވަސް ކޮށްދިނުމަށް އާދޭސް ކުރަމުންނެވެ. އަދި އެ ކުއްޖާ ހޮސްޕިޓަލްގައި އެނދުމަތި ކުރިއިރު، ވަގުތު ފާއިތުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެެ.

އެ ކުއްޖާގެ މަރާއެކު، އާއިލާ މީހުން ވަނީ ހޮސްޕިޓަަލަށް ގޮސް ހޮސްޕިޓަލްގެ މުވައްޒަފުންނާއި ޒުވާބު ކޮށްފައެވެ. އަދި އެއީ އެ މީހުންގެ ފަރުވާ ކުޑަކަމުން ވީކަމެއް ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އެ ކުއްޖާއަކީ އުމުރުން އެންމެ އެއް އަހަރާއި ބައިގެ ކުއްޖެކެވެ. އެ ކުއްޖާ ކޮވިޑަށް ފައްސިވެ ހާލަތު ގޯސްވުމުން އާއިލާއިން ވަނީ އެ ކުއްޖާއަށް ފަރުވާ ދިނުމަށް އެކި ހޮސްޕިޓަލްތަކަށް ޖާގަ ލިބޭތޯ ގޮސްފައެވެ.

މިހާރު މީސް މީޑިއާގައި ދަނީ އެ ކުއްޖާ އެމްބިއުލާންސެއްގެ ތެރޭގައި ނޭވާލާން އުނދަގޫވެގެން އޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެފައެވެ. އެ ވީޑިއޯއިން ފެނިގެން ދަނީ އެ ކުއްޖާގެ ބައްޕަ އެމްބޫ-ބޭގްއެއް ބޭނުންކޮށްގެން ދަރިފުޅަށް އޮކްސިޖަން ފޯރުކޮށްދޭން ހުރިއިރު، މަންމަ ހަދާނެ ގޮތް ހުސްވެފައި ހުންނަ މަންޒަރެވެ.

"އާދޭސްކޮށްފައި ބުނަން އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދީ، އަހަރެންގެ ދަރިފުޅު އެ މީހުން ބެހެއްޓީ މަގުމަތީގައި، މިއީތަ އެ މީހުން ޑޮކްޓަރުންނަށް ވީ ސަބަބަކީ؟ އަހަރެން ދިޔައިން ހޮސްޕިޓަލަކަށް ފަހު ހޮސްޕިޓަލަކަށް ދަރިފުޅު ސަލާމަތް ކުރުމަށް، އެކަމަކު އެ މީހުން އެ ކުއްޖާ ބެހެއްޓީ މަގުމަތީގައި"

އޭނާ ބުނީ، އެ މީހުން ބުނީ 104 އަށް ގުޅުމަށް ކަމަށާއި، ނަމަވެސް އެ ނަމްބަރަކުން ފޯނު ނުނަގާ ކަމަށެވެ.

އިންޑިއާށް ކޮވިޑްގެ ދެވަނަ ރާޅު އައިސް އެ ގައުމުގެ ސިއްހީ ދާއިރާއަށް ވަނީ ބޮޑު ތޫފާނެއް އަރާފައެވެ. މިއާއެކު ހޮސްޕިޓަލްތަކާއި، ފެސިލިޓީތައް ހުރީ ފުރިފައެވެ. އެ ގައުމުގައި އެތައް ބަޔަކަށް ފަރުވާ ނުދެވި ދަނީ މަރުވަމުންނެވެ.

އެ ކުއްޖާ ބަލިކޮށް އުޅޭތާ ދުވަސްކޮޅެއް ވެދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް ފުރަތަމަ ހެދި އެ ކުއްޖާގެ ރެޕިޑް އެންޓިޖެން ޓެސްޓުން ނަތީޖާ ނައްސިއެވެ. ފަހުން އެ ކުއްޖާގެ ހާލަތު ގޯސްވުމާއެކު އިތުރު ޓެސްޓެއް ހެދީ ޕްރައިވެޓް ހޮސްޕިޓަލެއްގައެވެ. އެ ސުންކު ފައްސިވި އެވެ. އެހެން ނަމަވެސް އެ ހޮސްޕިޓަލުން އެ ކުއްޖާއަށް ފަރުވާދިނުމަށް ދެކޮޅު ހެދީ ކަމަށް އެ ކުއްޖާގެ މައިންބަފައިން ބުނެފައި ވެއެވެ.

އަދި އިއްޔެ އެ ކުއްޖާ ކިންގް ޖިއޯޖް ހޮސްޕިޓަލަށް ގެންދިޔައީ ބަލީގައި ބޮޑުވަރުވަމުންދާތީ ކަމަށް ބުނެފައި ވެއެވެ.

"އެ ކުއްޖާގެ މައިންބަފައިން މަޑުކުރި ސިއްހީ އަވަސް ފަރުވާ ދޭތޯ 90 މިނިޓް ވަންދެން. އެހެން ނަމަވެސް އެ ކުއްޖާ މަރުވީ ހޮސްޕިޓަލްގެ ދޮރުމަތީގައި". މަންޒަރު ދުށް މީހަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޑިސްޓްރިކްގެ އޮފިޝަލުންނާއި ހަވާލާދީ މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާގެ ހާލަތު ގޯސްވެގެން ފަރުވާދިނުމަށް ގެނެސްފައި ވަނީ އިއްޔެ މެންދުރު ފަހު 3:40 ހާއިރު އެވެ.

"އަދި އެ ކުއްޖާ ގެންދިޔަ ޓްރިއޭޖިންގއަށް (އެއީ ބަލީގެ ފަރުވަ ދޭތޯ ބަލާ ތަން) 4:00 ޖެހިއިރު، އަދި އެތެރެހަށީގެ ޑޮކްޓަރަކާއި އިތުރު ޑޮކްޓަރަކު އެ ކުއްޖާގެ ހާލަތު ބެލި. އެހެން ނަމަވެސް އެ ކުއްޖާ މަރުވީ 5:10 ހާއިރު ނިއުމޯނިއާގައި ނޫނީ ކޮވިޑްގައި" ޑިސްޓްރިކްޓްއިން މައުލޫމާތު ދިން އޮފިޝަލަކާއި ހަވާލާދީ އެންޑީޓީވީން ބުނެފައި ވެއެވެ.

އެ ކުއްޖާގެ މަރަށްފަހު ފެނިގެން ދިޔައީ އާއިލާ މީހުން އެތަނުގައި ހަޅޭލަވާ އަޑުގަދަ ކުރާ މަންޒަރު ކަމަށް ވެއެވެ.

އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވަނީ އެ ކުއްޖާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުން މަސައްކަތްކޮށްފައިވާނެ ކަމަށާއި، އެހެން ނަމަވެސް އެ ބަލީގައި މަރުވީ ކަމަށް ބުނެފައެވެ.އަދި އެ ކުއްޖާއަށް ފަރުވާ ދިނުމުގައި ލަސްތަކެއް ވި ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރާންތި

    ފަރުވާއަށް އާދޭސް ކުރަނިކޮށް ތުއްތު ދަރިފުޅު ވީ މަރު!

    ފަރުވާއަށް އާދޭސް ކުރަމުންދަނިކޮށް ތުއްތު ދަރިފުޅު ވީ މަރު!