އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ އިންތިހާބުން ބަލިވުމުން އިންތިހާބުގެ ނަތީޖާ އަނބުރާލުމަށް އެންމެ އިސްކޮށް މަސައްކަތް ކުރި ގާނޫނީ ވަކީލު ރޫޑީ ގުއިލިއާނީގެ އެޕާޓްމަންޓަށް އެފްބީއައި އިން ކުއްލިގޮތަކަށް ވަދެ އެޕާޓްމަންޓް ފާސްކޮށް ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކެއް ގެންގޮސްފިއެވެ.

ނިއުޔޯކްގެ ގަވަރުނަރުކަން ވެސް ކުރިން ކުރެއްވި ރޫޑީގެ ނިއުޔޯކް އެޕާޓްމަންޓަށް އެފްބީއައި އިން ވަދެ ދެގަޑިއެއްހާއިރު ވަންދެން އެޕާޓްމަންޓް ފާސްކުރިކަމަށް "ފޮކްސް ނިއުސް" އިން ބުނެއެވެ.

"ފޮކްސް ނިއުސް" އިން ބުނީ ކޯޓު އަމުރެއްގެ ދަށުން އެޕާޓްމަންޓަށް ވަން ފެޑްރަލް އިންވެސްޓިގޭޓަރުން ވަނީ ގިނަ އަދަދެއްގެ ފޯނާއި ލެޕްޓޮޕް އެޕާޓްމަންޓުން ނެރެގެން ގެންގޮސްފައެވެ.

"ނިއުޔޯކްޓައިމްސް" އިން ބުނާ ގޮތުގައި ރޫޑީގެ އެޕާޓްމަންޓަށް އެފްބީއައި އިން ވަނީ 2019 ވަނަ އަހަރު ޔޫކްރޭން ސަރުކާރާއި އެމެރިކާ އާއި ދެމެދު އުފެދުނު ދެބަސްވުންތަކުގެ ތެރެއިން ރޫޑީ ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ކޮށްފައިވޭތޯ ބެލުމަށެވެ.

އެފްބީއައިގެ ހަ އޮފިސަރަކު ވަނީ ރޫޑީގެ އެޕާޓްމަންޓަށް ވަދެފައެވެ. ދެގަޑިއިރު ވަންދެން އެމީހުން އެޕާޓްމަންޓްގައި ހަރަކާތްތެރިވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޫޑީގެ އެޕާޓްމަންޓް ފާސްކުރުމާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށް އެފްބީއައި އިން ވަނީ ބުނެފައެވެ. ނިއުޔޯކްގެ ސައުތު ޑިސްޓްރިކްޓް އެޓާނީ އޮފީހުން ވެސް ވަނީ މިމައްސަލައިގައި އަދި ކުރާނެ ކޮމެންޓެއް ނެތް ކަމަށް ބުނެފައެވެ.

ޔޫކްރޭންގެ ރައީސްއަށް ޓްރަމްޕް ބިރުދެއްކި ކަމަށް ބުނާ މައްސަލަ މިދިޔަ އަހަރު ވަރަށް ބޮޑުވިއެވެ. އެމައްސަލައިގައި ޓްރަމްޕް ރައީސް ކަމުން ދުރުކުރަން ވެސް ޑިމޮކްރަޓިކް ޕާޓީން މަސައްކަތް ކުރިއެވެ. ނަމަވެސް ސެނެޓްގެ ތާއިދު އެކަމަށް ނުލިބުނެވެ.