ވިޔަފާރިވެރިންނަށް ފުރުސަތު ނުލިބޭ ގޮތަށް އެޕަލްގެ އެޕް ސްޓޯރުން މޮނޮޕޮލީ ގެންގުޅެމުންދާތީ ރަޝިއާއިން އެ ކުންފުނި 12 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފިއެވެ.

ރަޝިއާގެ ފެޑެރަލް އެންޓިމޮނޮޕޮލީ ސާވިސް (އެފްއޭއެސް) އިން ބުނީ އެޕަލް ކުންފުނިން މުދާ ވިއްކުމުގައި އެހެން ވިޔަފާރި ވެރިންނަށް ފުރުސަތު ނުލިބޭ ގޮތަށް މޮނޮޕޮލީ ގެންގުޅެމުންދާތީ އާއި އޭގެ ސަބަބުން ވިޔަފާރީގެ ވާދަވެރިކަމުގެ ފައިދާ ލިބެމުން ދަނީ ހަމަ އެކަނި އެޕަލް ކުންފުންޏަށް ކަމަށެވެ. މިއީ އަމިއްލަ ފައިދާއަށް އެޕަލް އިން ގަސްދުގައި ކުރާ ކަމެއް ކަމަށާއި އޭގެ އެތައް ނާޖާއީޒް ފައިދާއެއް ނަގަމުން ދާކަމަށް ބުނެފައިވެއެވެ.

ރަޝިއާއިން އެޕަލް ކުންފުނީގެ މައްސަލަ ތަހުގީގް ކޮށްފައިވަނީ އެގައުމުގެ ސައިބާ ސެކިއުރިޓީ ކުންފުނި ކަސްޕާސްކީ ލެބުން އެޕަލްގެ ޝަކުވާ ހުށަހެޅުމުންނެވެ. އެ ކުންފުނިން ބުނެފައިވަނީ ސޭފް ކިޑްސް އެޕްލިކޭޝަންގެ ވާޝަންއެއް ބޭނުން ކުރުމުގެ ހުއްދަ ނުދީފައެވެ.

އެޕަލްއިން ކަސްޕާސްކީގެ ބަޔާނަށް ރައްދު ދެމުން ބުނީ އެޕަލްއިން ވާނީ ކަސްޕާސްކީގެ އެޕްލިކޭޝަނާއި ގުޅޭގޮތުން އެ ކުންފުންޏާއި އެކުގައި މަސައްކަތް ކޮށްފަ ކަމަށާއި އަދި އެތަނުގެ 13 އެޕްލިކޭޝަނެއް މިހާރުވެސް އެޕަލް ސްޓޯރުގައި އިންނާނެ ކަމަށެވެ. އެ އެޕްލިކޭޝަން ތަކަށް 100 އަށް ވުރެ ގިނަ އަޕްޑޭޓް ގެނެވިފައިވާ ކަމަށް އެޕަލްގެ ތަރުޖަމާނު ބުނެއެވެ.

އެޕަލްއިން އެފްއޭއެސްގެ ނިންމުން ބަަލައިނުގަނެވޭ ކަމަށާއި މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށް ބުނެފައިވެއެވެ. އެޕަލްއިން ބުނީ މި ޖޫރިމަނާ އަކީ ބަލަންވާ ވަރަށް ނުބަލާ ކޮށްފައި އޮތް ޖޫރިމަނާއެއް ކަމަށެވެ.