ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިންޑިއާ އަށް އެހެން ގައުމުތަކުން ދޭ އެހީ އާއި ހަދިޔާ ބަލައިގަންނަން ފަށައިފިއެވެ. މިއީ 16 އަހަރު ފަހުން އެހެން ގައުމުތަކުން ދޭ އެހީ އިންޑިއާ އިން ބަލައިގަންނަން ފެށި ފުރަތަމަ ފަހަރެވެ.

އެގައުމުގެ ސިޔާސަތަށް މި ބަދަލު ގެނައީ އިންޑިއާގައި ކޮވިޑާ ގުޅިގެން އޮކްސިޖެން އާއި ބޭހުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައި ވަނިކޮށެވެ.

މި ގެނައި ބަދަލުގެ ސަބަބުން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ކޮންމެ އެއްޗެއް ޗައިނާ އިން ގަތުމަކުން އިންޑިއާ ސަރުކާރުގެ އެއްވެސް މައްސަލައެއް ނޯންނާެއެވެ. ސްޓޭޓް ސަރުކާރުތަކުން ވެސް ހުއްދަ ދީފައިވަނީ ގައުމުން ބޭރުގެ އެޖެންސީތަކުން ސިއްހީ ހިދުމަތްތަކުގެ އެހީ ހޯދުމަށެވެ.

މީގެ 16 އަހަރު ކުރިން މަންމޯހާން ސިންގް ދައުކަލަތުގެ ވެރިޔަކަށް ހުންނެވި އިރު ނިންމެވީ އެހެން ގައުމުތަކުން ލިބޭ އެއްވެސް އެހީއެއް ގަބޫލު ނުކުރުމަށެވެ. އޭގެ ކުރިން ބިންހެލުންތަކުގަ އާއި ފެންބޮޑުވެ ނުވަތަ ތޫފާނެއްގައި ޖެހި ގައުމުގެ މީހުން ހާލުގައި ޖެހުމުން އެހެން ގައުމުތަކުގެ އެހީ ގަބޫލު ކޮށްފައިވެއެވެ.

2004 ވަނަ އަހަރުގެ ޑިސެމްބަރ މަހު ސުނާމީއަށް ފަހު މެންމޯހަން ސިންގް ވިދާޅުވީ ގައުމުގެ ކަންތައްތައް އަމިއްލަޔަށް ކުރެވޭނެ ކަމަށާއި ގައުމުގެ ކަންކަން ކުރުމުގައި އެހެން ގައުމުތަކުގެ އެހީ ބޭނުން ނުވާ ކަމަށެވެ. އަދި ބޭނުން ވެއްޖެ ހާލަތެއް މެދުވެރި ވެއްޖެ ނަމަ އެހެން ގައުމުތަކުގެ އެހީ ހޯދާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ ފަހުން 2005، 2013 އަދި 2014 ގައި އިންޑިއާގައި ފެން ބޮޑުވެގެންނާޢި ބިންހެލުމުގެ ހާދިސާތައް ހިނގައިގެން އެހެން ގައުމުތަކުން އެހީ ދިނުމުން އެ ގައުމުން ވަނީ އެހީ ބަލައިނުގެންފައެވެ.

އިންޑިއާ އަށް ކޮވިޑުގެ ނުރައްކާ ބޮޑުވެ ގައުމުގެ ހާލަތު އަތްނުފޯރާ ފަށަށް ގޮސްފައިމިވާ ދަނޑިވަޅުގައި 20 ގައުމަށް ވުރެ ގިނަ ގައުމުތަކުން އެހީ ދޭން ހުށަހަޅާފައިވެއެވެ.