އިންޑިއާގައި ކޮވިޑް-19 ގެ ބަލިމަޑުކަން ވަރަށް ބޮޑަށް ފެތުރި، ހާލަތު ގޯސްވެފައިވާތީ ހެލްތު މިނިސްޓަރު ހާޝް ވަރުދަން އިސްތިއުފާ ދެއްވުމަށް އިދިކޮޅު ކޮންގްރެސް ޕާޓީން ގޮވާލައިފިއެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީއިން ތަރުޖަމާނު ސުޕްރިޔާ ސްރިނަޓޭ ވިދާޅުވީ ކޮވިޑްގެ މި ދަނޑިވަޅުގައި މިނިސްޓަރު ވަރުދަން ވަނީ ބަލިމަޑުކަމާ ކުރިމަތި ލުމަށް ފެއިލް ވެފައި ކަމަށެވެ. ގައުމުގެ ހާލަތު ގޯހުން ގޯހަށް ދިޔުމުގައި ޒިންމާވާ މީހުންނާއި މަސްއޫލިއްޔަތު ނުއުފުލޭ މީހުން ސަރުކާރުގައި ތިބި ނަމަ އެބަޔަކު ބޮޑުވަޒީރު ނަރެންދުރަ މޯދީ ފާހަގަ ކުރައްވާ، އެމީހުން ސަރުކާރުން ވަކިކުރުމަށް ސްރިޔަންޓޭ ވަނީ ގޮވާލައިފައެވެ.

"ހަ މީހުންގެ މަރާ ގުޅިގެން ޖޯޑަންގެ ހެލްތް މިނިސްޓަރަށް އިސްތިއުފާ ދެވޭ ނަމަ މިނިސްޓަރު ވަރުދަން ވެސް އިސްތިއުފާ ދެއްވަން ޖެހޭ. އަމިއްލަފުޅަށް އެކަން ނުވެއްޖެ ނަމަ ގައުމުގެ ބޮޑުވަޒީރު މޯދީ އެބަ ޖެހޭ އެބޭފުޅާ މަގާމުން ދުރުކުރައްވަން" މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްރިޔަންޓޭ ވިދާޅުވިއެވެ.

ކޮވިޑް ފެތުރިދާނެ ކަމުގެ އިންޒާރު ކޮންގްރެސް ޕާޓީގެ ލީޑަރު ރަހޫލް ގާންދީ ދެއްވުމުން އޭނާ އަށް މިނިސްޓަރު ވަރުދަން މަލާމާތް ކުރެއްވި ކަމަށް ވެސް ތަރުޖަމާނު ވަނީ ތުހުމަތު ކުރައްވައިފައެވެ.

ކޮވިޑް ކާމިޔާބު ކުރިގޮތަށް އިންތިހާބުތައް ކާމިޔާބު ކުރައްވާނެ ކަމަށް ބުނެ ސިއްހީ އިދާރާތަކުން ކަނޑައަޅާފައި ހުރި ސިއްހީ މިންގަނޑުތަކަށް ގޮންޖަހަން ފެއްޓެވީ ސަރުކާރުގެ އިސްވެރިން ކަމަށް ކޮންގްރެސް ޕާޓީއިން ގޮވަމުންދެއެވެ.

މި ދަނޑިވަޅުގައި ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅެން ސަރުކާރުން ނިންމާފައި ހުރިކަމުގައިވާ ނަމަ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށް ކޮންގްރެސް ޕާޓީގެ ލީޑަރު ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު