އިންޑިއާ އިން ފެނިފައިވާ ކޮވިޑް-19 ގެ ވޭރިއެންޓް 17 ގައުމަކުން ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއްޔާއިން ބުނެފިއެވެ.

ޔޫއެން ހެލްތް އެޖެންސީއިން ބުނީ ބީ.1.617 ވޭރިއެންޓް ފުރަތަމަ ފެނިފައިވަނީ އިންޑިއާއިން ކަމަށާއި މިހާރު މި ވޭރިއެންޓް 17 ގައުމަކުން ފެނިފައިވާ ކަމަށެވެ. ވައިރަސް ޑެޓާބޭސްއިން ދައްކާގޮތުން އެންމެ ގިނައިން އެ ވޭރިއެންޓް ފެނިގެން ރިޕޯޓު ކޮށްފައިވަނީ އިންޑިއާ އާއި، އެމެރިކާ، އިނގިރޭސި ވިލާތުންނާއި، ސިންގަޕޫރުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއްޔާއިން ބުނެފައިވެއެވެ.

އިންޑިއާގައި މިހާރު ގިނަ ބަޔަކު ކޮވިޑަށް ފައްސިވަމުންދެއެވެ. އޭގެ ތެރޭގައި ޒުވާނުންނާއި ކުޑަކުދިން ވެސް ގިނަ އަދަދަކަށް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޑިއާއިން ފެނިފައިވާ މި ވޭރިއެންޓަކީ ހުރިހާ އުމުރަކަށް ވެސް ނުރައްކާ ވޭރިއެންޓެއް ކަމަށާއި މި ވޭރިއެންޓުގައި ޒުވާނުންނަށް ޖެހި ފަރުވާ ހޯދަން ވެސް ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ލަންކާގައި ވެސް ކޮވިޑް ފެތުރެން ފަށާފައިވާއިރު އިންޑިއާގައި ފެތުރެމުންދާ ވޭރިއެންޓަށް އެ ވެދާނެ ކަމުގެ ކަންބޮޑުވުން ބައެއް ސިއްހީ މާހިރުން ފާހަގަ ކޮށްފައިވެއެވެ.

އިންޑިއާ އިން މިހާރު ރިކޯޑު އަދަދަކަށް މީހުން ކޮވިޑަށް ފައްސި ވަމުންދާ އިރު، އިއްޔެވެސް އެގައުމުން 360،927 މީހުން ކޮވިޑަށް ފައްސިވެފައި ވެއެވެ. މުޅި ދުނިޔެއިން 3.1 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑުގައި މަރުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމުއްޔާއިން ބުނެފައިވަނީ ފުރަތަމަ ރާޅަށް ވުރެ ކޮވިޑުގެ ދެވަނަ ރާޅުގައި މީހުން ފައްސި ވަމުން ދާވަރު ގިނަ ވެފައި، ވައިރަސް ފެތުރެމުންދާ ބާރުމިން ހަލުވިވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބީރުމީހާ

    ރާއްޖެއަކުން ނުފެންނާނެ ތިޔާ ވޭތިއެންޓެއް ރައީސް އިބްރާހިމް އެ ގޮލާ ފައްސާ ދުރުކޮއްފި ދެނ މައުސޫމަށް އެންގީ މި ލަވަކިޔަން "އާދޭ އާދޭ އަވަހަށް އާދޭ ހިތްތައް ހަމަޖައްސަން އާދޭ ފަތުރަށް އާދޭ ޑޮލަރު ހިފައިގެން އަވަހަށް އާދޭ" މައިމޫނާއްތަ ހުރީ ބުނާނެ އެއްޗެއް ނޭގިފަ