އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ އެގައުމުގައި ތިބި އެމެރިކާ ރައްޔިތުން ވީހާ ވެސް އަވަހަކަށް އެގައުމުން ފައިބަން އެމެރިކާ ސަރުކާރުން ގޮވާލައިފިއެވެ.

އެމެރިކާގެ ޓްރެވަލް ސްޓޭޓް ޑިޕާޓްމެންޓުން ބުނީ އެމެރިކާގެ ރައްޔިތުންނަށް އިންޑިއާއަށް ދަތުރު ނުކުރުމަށާއި އެގައުމުގައި ތިބި ބަޔަކު ނަމަ އެންމެ ރައްކާތެރި ގޮތަކީ އަވަހަށް ގައުމުން ފޭބުން ކަމަށެވެ. އެގައުމުގައި ތިބޭ ބަޔަކަށް ފަރުވާ ހޯދުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހޭކަން އެ ޑިޕާޓުމެންޓުން ފާހަގަ ކޮށްފައިވެއެވެ.

އެމެރިކާގެ ޓްރެވަލް ސްޓޭޓް ޑިޕާޓްމަންޓުން އެހެން ބުނި އިރު، ޑައިރެކްޓުކޮށް އިންޑިއާ އާއި އެމެރިކާ އާދެމެދުގައި 14 ފްލައިޓެއް ދަތުރުކުރެއެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ސިއްހީ އިދާރާތަކުން ދަނީ ކޮވިޑް ކޮންޓްރޯލް ނުކުރެވި އެކަމުގައި އެތައް ގޮންޖެހުންތަކަކާ ކުރަމިލަމުންނެވެ. ރިކޯޑު އަދަދަކަށް މީހުން ފައްސި ވުމުގެ އިތުރުން އެގައުމުން ރިކޯޑު އަދަދަކަށް ކޮވިޑުގައި މީހުން މަރުވާކަން ފާހަގަ ކުރެވެއެވެ.

އިންޑިއާގެ މިހާލަތާ ގުޅިގެން ގިނަ ގައުމުތަކަކުން ވަނީ އިންޑިއާއިން ދަތުރުކުރުން މެދުކަނޑާލައިފައެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ ހިމެނެއެވެ. މި ހަފްތާގައި އެގައުމުން އިއުލާން ކޮށްފައިވަނީ ސަލާމަތީ ފިޔަވަޅު ވަރުގަދަ ކުރުމުގެ ގޮތުން އިންޑިއާއިން އެގައުމަށް ދަތުރުކުރުން މެދުކަނޑާލައިފައިވާ ކަމަށެވެ. އޭގެ އިތުރުން އިނގިރޭސި ވިލާތުން ވަނީ 10 ދުވަހު އިންޑިއާގައި މަޑުކޮށްފައި ތިބި މީހުން އެގައުމަށް ދެން ދަތުރުކުރުން މަނާކޮށްފައެވެ.