މިހާރު ކޮވިޑް-19ގެ ބިރުވެރިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ އިންޑިއާއިން އެއް ދުވަސް ތެރޭގައި ހަތަރު ލައްކައަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އިންޑިއާގައި ފާއިތުވެދިޔަ އޭޕްރިލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކޮވިޑްގެ ވޭދަނަތައް ވަނީ އިތުރުވާން ފަށާފައެވެ. އެ ގައުމަކީ ބަލިން ރައްކާތެރިވުމަށް އެންމެ ވަރުގަދައަށް ވެކްސިން ޕްރޮގްރާމް ފެށި ގައުމުވެސް މެއެެވެ. އެހެން ނަމަވެސް އޭޕްރިލް މަސް ފަށައިގެން އެ ގައުމުގައި ކޮވިޑްގެ ވޭދަނަތައް ހައްދުން ނައްޓާ ވަރަށް އިތުރުވާން ފެށިއެވެ.

އަދި މަސް ނިންމާލިއިރު، އެ ގައުމުގައި އެއް ދުވަހެއްގެ ތެރޭގައި ކޮވިޑަށް ފައްސިވި މީހުންގެ އަދަދުތަކުގެ އާ ރެކޯޑެއް މި ވަނީ ހަދާފައެވެ. އެގޮތުން އެ ގައުމުގައި އިއްޔެ 402,110 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއާއެކު އެ ގައުމުގައި ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 19,157,094 އަށް އަރާފައެވެ.

އެ ގައުމުން އިއްޔެ ކޮވިޑް ބަލީގައި މަރުވެފައި ވަނީ 3,522 މީހެކެވެ. ފާއިތުވެދިޔަ 10 ދުވަހު އެ ގައުމުގައި ކޮވިޑް ގައި މަރުވާ މީހުންގެ އަދަދުތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އެ ގައުމުގައު މިހާރު މި ބައްޔަށް ފަރުވާދެވޭނެ ވަރަށް ހޮސްޕިޓަލްތަކުގައި ޖާގަ ނެތެވެ. އަދި ސިއްހީ ހިދުމަތްތެރިންވެސް ނެތެވެ. އަދި އެ ފަރާތްތަށް ބޭނުންވާ އޮކްސިޖަންވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އަދި މީގެ އިތުރުން، އެ ގައުމުގައި ގިނަ ބަޔަކު މިހާރު މަރުވަމުން ދަނީ ފަރުވާ ނުލިބިއެވެ. އަދި މިހާރު މަރުވާ މީހުން ވަޅުލުމުގެ ކަންކަމާއި، އެންދުމުގެ ކަންކަމަށްވެސް ވަނީ ބުރޫ އަރާފައެެވެ.

މިހާރު އެ ގައުމުގައި ކޮވިޑް ޖެހިގެން މަރުވެފައިވާ ކަމަށް ރެކޯޑް ކުރެވުނީ 211,835 މީހެކެވެ.

އެހެން ނަމަވެސް މި އަދަދު މިއަށްވުރެ ބޮޑަށް އިތުރުވެފައި ހުރެދާނެ ކަމަށް ސިއްހީ މާހިރުން ގަބޫލު ކުރެއެވެ.

އިންޑިއާގައި ކޮވިޑްގެ ވޭދަނަތައް އިތުރުވުމާއެކު ގިނަ ގައުމުތަކުން އެ ގައުމަށް އެހީވުމުގެ ކަންކަން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު