އިންޑިއާގެެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެގެން ކޮވިޑް-19 އަށް ފަރުވާހޯދަމުން އައި 18 މީހަކު މަރުވެއްޖެއެވެެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެެގައުމުގެެ ހުޅަނގުގެ ސަރަހައްދެއްގައި ހުރި މި ހޮސްޕިޓަލުގައި އަލިފާން ރޯވެ 18 މީހަކު މިހާތަނަށް ވަނީ މަރުވެެފައެވެ. މި ހާދިސާ ހިނގާފައި މިވަނީ ހަަލުވިކަމާއި އެކު ކޮވިޑް-19 އެ ގައުމުގައި ފެތުރެމުން އައުމާއި އެކު ހޮސްޕިޓަލްތައް ފުރި މުޅި ސިއްހީ ނިޒާމު ވަނީ ހުއްޓުމަކަށް އައިސްފައެވެ.

"އޭއެެންއައި ނިއުސް އެެޖެންސީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެެ.

ފުލުހުންނާ ހަވާލާދީ އެެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަލިފާން ރޯވެ އައިސީޔޫ އާއި ހަމައަށް އަލިފާންގަނޑު ފޯރާފައި ވަނީ ރޭ ދަންވަރު 12:30 ހާއިރު އެވެ. މި ހާދިސާގައި ހަމައެކަނި އައިސީޔޫ އިން ވެސް 12 މީހުންނަށްވުރެ ގިނަ މީހުން މަރުވެެފައިވާކަން ޔަގީންވެފައިއިވާ ކަމަށާއި، މިކަން އަންނަނީ އިތުރަށް ބަލަމުން ކަމަށް ފުލުހުންނާ ހަވާލާދީ އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެެ.

އެ ގައުމުގައި ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 19.1 މިލިއަނަށް އަރާފައެވެ.

އެ ގައުމުން އިއްޔެ ކޮވިޑް ބަލީގައި މަރުވެފައި ވަނީ 3,522 މީހެކެވެ. ފާއިތުވެދިޔަ 10 ދުވަހު އެ ގައުމުގައި ކޮވިޑް ގައި މަރުވާ މީހުންގެ އަދަދުތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އިންޑިއާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުން އެގައުމު މިހާރު އޮތީ ކޮވިޑްގެ ތޫފާނެއްގެ ތެރޭގައި ކަމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް މުޅި އިންޑިއާ އެއްކޮށް ފުރަބަންދު ނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ މުޅި ގައުމު ފުރަބަންދު ކޮށްފިނަމަ ލިބޭ ގެއްލުން އަދި މާބޮޑުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގެރި

    ހާދަ ވަރަކަށް ހޮސްޕިޓަލްތަކުގަ ރޯވަނީ؟ އަދި ރޯވާ ހޮސްޕިޓަލްތަކުން އަނދަނީ ވެސް ކޮވިދ މީހުން!