ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ ހޮސްޕިޓަލްތައް ފުރި، ބަލި މީހުން އެޑްމިޓް ކުރާނެ ޖާގަތައް ހުސްވުމާއި ގުޅިގެން އިންޑިއާގެ މުސްލިމުން އެގައުމުގެ މިސްކިތްތަކާއި، އިސްލާމްދީން އުގަންނަައިދޭ ސްކޫލްތައް ކޮވިޑް ބަލި މީހުންނަށް ހުޅުވާލައިފިއެވެ. އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި މިސްކިތްތަކާއި އިސްލާމްދީން އުގަންނައިދޭ ސްކޫލްތަކުގައި ހުރިހާ ދީނެއްގެ ކޮވިޑް ބަލި މީހުންނަށް ވެސް އަންނަނީ ފަރުވާ ދެމުންނެވެ.

ކުއްލި ހާލަތްތަކުގައި ދެވެން ހުރި ފަރުވާތައް މިސްކިތްތަކާއި ސްކޫލްތަކުގައި ވަނީ އިންތިޒާމް ކޮށްފައެވެ. އޭގެތެރޭގައި އޮކްސިޖަން ދިނުމާއި، އައިވީ ދިނުން ފަދަ ކަންކަން ހިމެނެއެވެ.

ކޮވިޑް ބަލި މީހުންނަށް މިސްކިތްތަކާއި ސްކޫލްތަކުގައި ފަރުވާ ދިނުމުގެ ކަންކަން އިންތިޒާމް ކުރުމުގައި އިސްނަގާފައި ވަނީ އިސްލާމްދީނުގެ އެކި ކަންކަން ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާތަކުންނެވެ. އޭގެތެރެއިން އެއްޖަމިއްޔާ ކަމަށްވާ ގުޖުރާތުގެ ދާރުލް އުލޫމުން ބުނީ އިންޑިއާ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފެށުމުން އިންޑިއާގެ ރައްޔިތުންނަށް އެހީވުމަކީ ޒިންމާއެއް ކަމުގައި ދެކިގެން ޖަމިއްޔާގެ މަސައްކަތްތައް ފުޅާކޮށްފައިވާ ކަމަށެވެ.

"ހޮސްޕިޓަލްތައް ފުރި އެނދުތައް ބަހައްޓާނެ ޖާގަތައް ހޮސްޕިޓަލްތަކުން ހުސްވުމުން އަޅުގަނޑުމެން މިވަނީ ސްކޫލްތަކާއި މިސްކިތްތަކުގައި އެނދުތައް ބަހައްޓައިގެން ކޮވިޑް ބަލި މީހުންނަށް ފަރުވާ ދޭން ފަށާފައި." ދާރުލް އުލޫމުން ބުންޏެވެ.

މިހާރު ބައެއް މިސްކިތްތައް ވަނީ 50 އެނދުގެ ހޮސްޕިޓަލްތަކަށް ވެސް ބަދަލުކޮށްފައެވެ. ވެރިރަށް ނިއުދިއްލީގެ ބައެއް މިސްކިތްތައް ވެސް މިހާރު ވަނީ ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައެވެ.

"ހޮސްޕިޓަލްތަކުގެ ޖާގަތައް ފުރިފައި ވުމުން ބަލި މީހުން ދާނެ އެއްވެސް ތަނެއް ނެތް. ހޮސްޕިޓަލްތަކުން ލިބޭ ހުރިހާ ފަރުވާއެއް މިފަދަ ފެސިލިޓީތަކުން ނުލިބުނު ނަމަވެސް ރެމްޑިސިވިއާ ފަދަ ބޭސްތައް ބަލި މީހުންނަށް ދިނުމާއި އަދި ކޮންމެވެސް ވަރަކަށް އޮކްސިޖަން ދިނުމުގެ ކަންކަން ވެސް މިފެސިލިޓީތަކުގައި ކުރިއަށް ގެންދެވޭ." އޮފިޝަލަކު ވިދާޅުވިއެވެ.

އިންޑިއާ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 19 މިލިއަނަށް އަރާފައެވެ. އަދި ވެސް ކޮންމެ ދުވަހަކު އެގައުމުން ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބްރާ

    އަދިވެސް އިންޑިއާގެ ޣައެރު މުސްލިމުން މުސްލިމުންނަށް އަނިޔާކުރެވޭތޯ ބަލާތި ! ކޮބާތަ އަލުކަން ކުރަން ބަހައްޓާފަ ހުރި ފައްޅިތަށް ؟

    12
  2. ގެރި

    ބުދު ފައްޅި ބަދަލު ނުކުރޭތަ؟