އިންޑިއާގެ ހާލަތު ގޯސްވެ ފަރުވާ ނުލިބި މަރުވާ މީހުން ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ކޮވިޑަށް ފައްސިވެފައިވާ މީހަކަށް ފަރުވާ ނުލިބި ނޮއިޑާގެ ސަރުކާރު ހޮސްޕިޓަލެއްގެ ބޭރުގައި މަރުވެފައިވެއެވެ.

އުމުރުން 35 ޖަގްރިތީ ގުޕްތާ ނޭވާލާން އުނދަގޫ ވުމުން ހޮސްޕިޓަލުން އެނދެއް ހޯދުމަށް އާދޭސް ކޮށްފައިވެއެވެ. ހޮސްޕިޓަލުގެ ޕާކިންގް ޒޯނުގައި ކާރު ބާއްވައިގެން ހުރެ ތިން ގަޑި އިރު ވަންދެން ފަރުވާ ހޯދުމަށް އެދިފައިވެއެވެ.

"އަހަރެން އެތަނުގައި ހުއްޓާ ގުޕްތާގެ އެހީތެރިޔާ އެ ސަރަހައްދުގައި ދުވެ ދުވެފައި މީހުންގެ އެހީތެރިކަމަށް އެދުން. އެކަމަކު އެއްވެސް މީހަކު އެކަމަށް ސަމާލުކަމެއް ނުދިން. ދެން މީހާގެ ހަބަރު ހުސްވުމުން ނޭވާ ނުލާ ވާހަކަ ބުނަން އެހީތެރިޔާ ހޮސްޕިޓަލް ކައުންޓަރަށް ދިޔުމުން ސިއްހީ ހިދުމަތްތެރިޔަކު ނުކުމެ ގުޕްތާގެ ފުރާނަ ނެތް ވާހަކަ އިއުލާން ކުރި" މަންޒަރު ދުށް މީހަކު ކިޔައި ދިނެވެ.

އުޓާހް ޕްރަދޭޝްގެ ޗީފް މިނިސްޓަރު މިދިޔަ ހަފްތާގައި ބުނީ އެތަނުގައި އޮކްސިޖެންގެ ދަތިކަމެއް ނެތް ކަމަށެވެ. ނަމަވެސް، އުޓާހް ޕްރަދޭޝްގެ ނޮއިޑާގައި ކޮވިޑަށް ފައްސިވެފައިވާ މީހުން ހޮސްޕިޓަލުން ނުވަތަ ފެސިލިޓީއަކުން އެނދެއް ނުލިބި މަގުމަތީގައި ތިބެ މަރުވެއެވެ. އެނދާއި އޮކްސިޖެން ނެތުމުން ބަލިމީހުންގެ އާއިލާތަކަށް ފަރުވާ ނުލިބުމުން ބަލި މީހާ ގޮވައިގެން އެނބުރި ގެޔަށް ދާން މަޖުބޫރުވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ނޮއިޑާގައި 2,568 އެނދު އެބަހުއްޓެވެ. އެއީ އައިސީޔޫ އާއި އޮކްސިޖެން އެނދުތައް ލައިގެންނެވެ. ނަމަވެސް، ހުރިހާ އެނދެއް ވެސް ވަނީ ފުރިފައެވެ.

ނޮއިޑާގައި މިހާރު ކޮވިޑަށް ފައްސި ވެފައި 8,200 މީހުން ތިބިއިރު 212 މީހުން ކޮވިޑުގައި މަރުވެފައިވާކަމަށް އެތަނުގެ ރަސްމީ ލިޔުންތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަކަރިބެ

    މޯދީމީ ކީތްކުރާ މީހެތްތަ ނިކަން ޖައިނާމީހުންހެން ތިންހަތަރު ހޮސްޕިޓަލް އަޅާބަލަ އެހެންގައުމުތަކައް ބޮޑެތި އެހީ ދިނުމައްވުރެން އަމިއްލަ ފަސްގަޑުގައި ހުރި މިކަހަލަ ކަންކަން ރަނގަޅު ކޮއްބަލަ