އިޒްރޭލްގެ މައުންޓް މެރޯން ފަރުބަދައިގެ ތިރީގައި ބޭއްވި ޔަހޫދީ ދީނީ ހަފްލާއެއްގައި ތޮއްޖެހި ފިތިގެން 150 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބި 45 މީހަކު މަރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ހާދިސާ ހިނގީ އަހަރަކު އެއްފަހަރު ޔަހޫދީ ދީނަށް ތަބާވާ މީހުން ފާހަގަ ކުރާ ދުވަހެއް ފާހަގަ ކުރުމަށް އެންމެން ނެށުމާއި އަޅުކަން ކުރުމަށް ބޭއްވި ހަފްލާއެއްގެ ތެރެއިންނެވެ. އިޒްރޭލްގެ ކަމާއި ބެހޭ އިދާރާތަކުން ބުނަމުންދަނީ އެ ހަފްލާގައި ކުޑަކުދިން ވެސް ބައިވެރިވެފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ހާދިސާ ހިނގީ ހަފްލާ ބާއްވަމުން ދިޔަ ސްޓޭޑިއަމްގެ މަތިން އެއްބަޔަކު ކައްސާލުމުން އެމީހުންނާއި އެއްކޮށް އިތުރު މީހުން ވެސް ވެއްޓި ފިތިގެންނެވެ. ތޮއްޖެހުން ކުޑަކުުރުމަށް އެއްބަޔަކު ހަފްލާ ދޫކޮށް ދާން އެންގުމުން އެކަމަށް ވެސް އެންމެން އެއްފަހަރާ އުޅުނީ ކަމަށް ފުލުހުން ބުނެއެވެ.

އިޒްރާއީލްގެ އެމަޖެންސީ ސާވިސްއިން ބުނިގޮތުގައި ހާދިސާގެ ތެރެއިން ބެލެނިވެރިން ގެއްލިފައިވާ ކުދިން ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހަފްލާގެ ތެރެއިން ގެއްލިގެން ރިޕޯޓު ކޮށްފައިވާ މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

މި ހަފްލާ ފާހަގަ ކުރުމަށް އެތަނުގައި 100,000 މީހުން ހަރަކާތްތެރިވި ކަމަށް ހަފްލާ ރާވައި ހިންގި މީހުން ލަފާކުރެއެވެ. މިއީ ކޮރޯނާވައިރަސް ފުރަބަންދުގެ ފަހުން ގިނަ ބަޔަކު އެއްތަންވެ އިޒްރޭލްގައި ބޭއްވުނު އެންމެ ބޮޑު ހަފްލާއެވެ. ސިއްހީ އިދާރާތަކުން ވަނީ މިކަމާއި ގުޅިގެން ކަންބޮޑުން ފާޅުކޮށް، ކޮވިޑްގެ ބިރަށް އާންމު ރައްޔިތުން އެ ސަރަހައްދަށް ނުދިޔުމަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު