އިންޑިއާގެ ބެންގަލޫރުގައި ހުރި ހޮސްޕިޓަލެއްގެ އައިސީޔޫގައި އެޑްމިޓްކޮށްފައި ތިބޭ ބަލި މީހުންނަށާއި އެމީހުންގެ އާއިލާތަކަށް އެކަކު އަނެކަކު ފެންނަ ގޮތަށް ހަދައިފިއެވެ.

އިންޑިއާގެ ބެންގަލޫރުގެ އުތުރުގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލެއް ކަމަށްވާ ކޭ ސީ ޖެނެރަލް ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުންނަށް އެފަރާތްތަކުގެ އާއިލާ ފެންނާނެ ގޮތް ހަދާފައި މިވަނީ ސީސީޓީވީ މެދުވެރިކޮށް ޓީވީ އަކުން ފެންނަ ގޮތަށެވެ. އާއިލާ އަށްވެސް ބަލިމީހާ މިގޮތަށް ފެންނާނެއެވެ.

ބަލި މީހުން ބެލުމަށް ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވަކި ގަޑިތަކެއްގައި ބަލިމީހުން ފެންނަ އިރު އާއިލާތަކަށް ބަލިމީހުން ފެންނަނީ ބޮޑު ސްކްރީނަކުންނެވެ.

ބެންގަލޫގައި ވެސް ކޮވިޑް ވޭދަނަތައް އިތުރުވަމުންދާއިރު ފާއިތުވި ތިން ދުވަހު ގާތްގަނޑަކަށް 20،000 ވޭދަނަ ވަނީ ރިޕޯޓުކޮށްފައެވެ. ބަލި މީހުންނަށް ފަރުވާދިނުމަށް އިންޑިއާ އެނދަށް ޖެހިފައިވާ އިރު އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ އެނދުގެ ޢަދަދު އިތުރުކުރުމަށް ނިންމައިފައެވެ.

އިންޑިއާ ސަރުކާރުން ބުނީ 15 ދުވަހުގެ ތެރޭގައި 2،000 އައިސީޔޫ އެނދު ތައްޔާރުކުރެވޭނެ ކަމަށާއި އޭގެ ތެރެއިން 800 އެނދުގައި ވެންޓިލޭޓަރު ހުންނާނެ ކަމަށެވެ. ކޭ ސީ ޖެނެރަލް ހޮސްޕިޓަލުގައި ހަދާފައި ވަނީ މޮޑެއިޔުލާ އައިސީޔޫތަކެކެވެ. ކޮންޓައިނާ އައިސީޔޫތައް ކޮންމެ ތަނަކަށްވެސް ފަސޭހައިން ބަދަލުކޮށްލެވޭ އިރު އޭގެ ތެރެއިން ނުވަ ކޮންޓެއިނާގައި ފަސް އައިސީޔޫ އެނދު ހުރެއެވެ.

އިންޑިއާގެ ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި އެ ގައުމަށް ކުރިމަތިވެފައި ވަނީ ކޮވިޑް ބަލިމަޑުކަމުގެ ދެ ވަނަ ރާޅެވެ. އެ ބަލިމަޑުކަމުގައި ދުވާލެއްގެ މައްޗަށް ލައްކައިން މީހުން ފައްސިވާއިރު މަރުވާ މީހުންގެ އަދަދު ހާހުން މައްޗަށް އަރައެވެ. އިންޑިއާގެ ހޮސްޕިޓަލްތައް ފުރި ވެންޓެލޭޓަރަށާއި އޮކްސިޖަނަށް ޖެހިގެން އުޅޭތާ މިހާރު ހަފްތާއެއް ވެދާނެއެވެ.