ޖަޕާނުގެ ނޯތްއީސްޓް ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ބިންހެލުން އައިސްފައިވަނީ 6.8 މެގްނިޓިއުޑްގެ ބާރު މިނުގައެވެ. ޓޯކްޔޯއާއި 400 ކިލޯމީޓަރު ދުރުގައި ހުރި އިމާރާތްތަށް ގުޑައިގެން ދިޔަ ކަމަށްް ރިޕޯޓުތައް ބުނެއެވެ.

މިޔަގި ޕްރިފެކްޗާ ސަރަހައްދު ކައިރިން ކަނޑުގެ އަޑިން އައި މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ދީފައެއް ނުވެއެވެ. ބިންހެލުން އައިސްފައިވަނީ ޖަޕާނުގެ ގަޑިން ހެނދުނު 10:27 ގައެވެ.

ޖަޕާނުގެ މެޓެއޮރޮޖިކަލް އެޖެންސީ (ޖޭއެމްއޭ) އިން ބުނި ގޮތުގައި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 51 ކިލޯމީޓަރު އަޑިންނެވެ.

ބިންހެލުމުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައިވާކަމަށް ރިޕޯޓު ކޮށްފައި ނުވި ނަމަވެސް، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ބިރު އޮތް ކަމަށް ޖޭއެމްއޭ އިން ބުނެފައިވެއެވެ.

ޓޯކްޔޯ އިލެކްޓްރިކް ޕަވާއިން ރިޕޯޓު ކޮށްފައިވަނީ ބިންހެލުން އައިސްފައިވާ ސަރަހައްދާއި 105 ކިލޯމީޓަރު ދުރުގައި ހުރި ފުކުޝިމާ ނިއުކްލިއާ ޕްލާންޓަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ބިންހެލުމާއި ގުޅިގެން ނޮދާން ޖަޕާނުގައި ރޭލުގެ ހިދުމަށް ވަނީ މެދުކަނޑާލައިފައެވެ. ނަމަވެސް، އެތަނުގެ ގަޑިން މެންދުރު ފަސް ވުމުން އަނެއްކާވެސް ހިދުމަތް ދޭން ފެށިކަމަށް ރިޕޯޓުތައް ބުނެއެވެ.

ނޯތްއީސްޓް ޖަޕާނަށް ވޭތުވެދިޔަ ދެތިން މަސް ތަކުގެ ތެރޭގައި ބާރުގަދަ ބިންހެލުން އައިސްފައިވެއެވެ. އެގޮތުން މާރޗް މަހު 7.2 މެގްނިޓިއުޑް ބާރު މިނުގެ ބިންހެލުމެއް ރިޕޯޓު ކޮށްފައިވާއިރު، ފެބްރުއަރީ މަހު ވެސް ބިންހެލުމެއް އައިސްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މީގެ އަހަރުތަކެއް ކުރިން ޖަޕާނަށް އައިސްފައިވާ 9 މެގްނިޓިއުޑް ބާރު މިނުގެ ބިންހެލުމަކީ މިހާތަނަށް އެގައުމުން ރިކޯޑު ކުރެވިފައިވާ އެންމެ ބާރުގަދަ ބިންހެލުމެވެ. އެ ބިންހެލުމުގައި ފުކުޝިމާ ނިއުކްލިއާ ޕްލާންޓަށް ބޮޑެތި ގެއްުލުންތަކެއް ލިބިފައިވެއެވެ.