އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އާދަޔާއި ހިލާފަށް އިތުރުވެ މުޅި ގައުމަށް އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައި ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ސިއްހީ ދާއިރާގެ ތަޖުރިބާކަރުން ދިން ލަފާތައް ސަރުކާރުންނާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ ގަބޫލު ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ފަސް ސައިންސްވެރިޔަކު ވިދާޅުވެއްޖެއެވެ.

"ރޮއިޓާސް" އަށް މައުލޫމާތު ދެއްވި ސައިންސްވެރިންތަކެއް ވިދާޅުވީ އިންޑިއާގެ ހާލަތު މިގޮތައް ގޯސްވެދާނެ ކަމުގެ އިންޒާރު ސައިންސްވެރިންނާއި، ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އައީ ތަކުރާރުކޮށް އިންޑިއާ ސަރުކާރަށް ދެމުންނެވެ. އެންމެ ފަހުން މާޗް މަހު ވެސް ސައިންސްވެރިން ވަނީ އިންޑިއާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެދާނެ ކަމުގެ އިންޒާރު ސަރުކާރަށް ދީފައެވެ. ސައިންސްވެރިން އެއިންޒާރު ދިނީ އިންޑިއާގެ ވަރަށް ގިނަ ސައިންސްވެރިން ބައިވެގެން ބޭއްވި ފޯރަމެއްގައެވެ.

"އެތައް މިލިއަން މީހުންނެއް ދިޔައީ ދީނީ އެއްވުންތަކާއި އަދި ސިޔާސީ އެއްވުންތައް ބާޢްވަމުން. މިއެއްވުންތައް ލީޑް ކުރައްވަން ހުންނެވީ ބޮޑުވަޒީރު ނަރެންދްރަ މޯދީ. މިހާލަތު އައީ ނޭނގި ތިއްބާ ކުއްލިއަކަށް ނޫން. މިއީ ބޮޑުވަޒީރާއި އަދި މައި ސަރުކާރުގެ އިހުމާލުން ކުރިމަތިވި ހާލަތެއް." ސައިންސްވެރިޔަކު ރޮއިޓާސް އަށް ވިދާޅުވިއެވެ.

ސައިންސްވެރިން ވިދާޅުވާ ގޮތުގައި މޯދީ ދަނޑުވެރިކަމާއި ގުޅޭ ސިޔާސަތައް ގެނައި ބަދަލުގެ ސަބަބުން ނިއުދިއްލީގައި ކުރިއަށް ދިޔަ ސިލްސިލާ މުޒާހަރާތަކަކީ ވެސް ކޮވިޑްގެ ހާލަތު ގޯސްވާން މެދުވެރިވި ސަބަބެކެވެ. އެމުޒާހަރާތައް ހުއްޓުވުމުގައި ސަރުކާރުން ފެއިލް ވުން އެއީ ކޮވިޑްގެ ހާލަތު ހާއްސަކޮށް ދިއްލީގައި ގޯސްވެގެން ދިޔަ ސަބަބެއް ކަމަށް ސައިންސްވެރިން ވިދާޅުވެއްޖެއެވެ.

މިހާރު އިންޑިއާގެ ހާލަތު ގޯސްވެފައިވާ މިންވަރަށް ބަލާއިރު މިއީ 2014 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ކަމަށް މޯދީ ވަޑައިގެންނެވި ފަހުން އޭނާ އަށް ކުރިމަތިވި އެންމެ ގޮންޖެހުން ބޮޑު ކާރިސާއެވެ. ކޮވިޑް ކޮންޓްރޯލް ކުރުމާއި، މިބަލިމަޑުކަމުން އަރައިގަނެ ގައުމު އަލުން އާރާސްތު ކުރުމުގައި މޯދީ ފެއިލް ވެއްޖެނަމަ 2024 ވަނަ އަހަރު އޮންނަ އާއްމު އިންތިހާބު ކާމިޔާބު ކުރުން އެއީ ވަރަށް ގޮންޖެހުން ބޮޑު ކަމަކަށް ވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އިންޑިއާ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު ކޮންމެ ދުވަހަކު އަންނަނީ ދުނިޔޭގެ ރެކޯޑް ހަދަމުންނެވެ. އިއްޔެ ވެސް އިންޑިއާ އިން ހަތަރު ލައްކަ މީހުން ކޮވިޑަށް ފައްސިވިއެވެ. ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި މިހައި ގިނަ އަދަދެއްގެ މީހުން އެދުވަސް ތެރޭގައި ކޮވިޑަށް ފައްސިވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖ

    މޯދީގެ ތުނބުއްޅާ ހާދަ ދިގޭ..

    11
    3
  2. ރަދީފް

    ބޮޑު ވަގު ފާދިރީ މޯދީ.

    25
  3. ރަނާ

    މިރާއްޖޭގައިވެސް ވީ ހަމަ އެހެން ބުއްޅަބޭ ބަހަށް އިންތިޚާބު ބޭއްވީމަ . ދެން އޮޅުވާލަން ވެގެން ކުރި ކަމަކީ ޓެސްޓްގެ ނަތީޖާ ތައް ފާޅުނުކުރީ. ދެން މި ބުނަނީ އިންތިޚާބު ތެރޭގަ ބަލި ނުފެތުރެޔޭ .

  4. ަަައައްޑޫ މީހާ

    މިގައުމުގަވެސް އުޅޭތީގެ އެއްޗެއް