ސްރީލަންކާއިން މިއަދު ރެކޯޑް އަދަދަަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިއަދު އެ ގައުމުން ކޮވިޑަށް ފައްސިވީ ކަމަށް ރިޕޯޓު ކޮށްފައިވަނީ 1،716 މީހުންނެވެ. މިއީ އެގައުމުން މިހާތަނަށް ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެ ރިޕޯޓު ކޮށްފައިވާ ދުވަހެވެ.

ފާއިތުވެދިޔަ ފަސް ދުވަހު ވެސް އެ ގައުުމުގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ފައްސިވާ އަދަދުތައް އުޅެނީ 1000 އިން މަތީގައެވެ. ލަންކާއިން މިހާތަނަށް ކޮވިޑަށް ފައްސިވެފައިވަނީ 109،863 މީހުންނެވެ. މިހާތަނަށް ކޮވިޑުގައި މަރުވި ކަމަށް އެގައުމުން ރިޕޯޓު ކޮށްފައިވަނީ 678 މީހުންނެވެ.

ސްރީލަންކާގައި ހަލުވި ކަމާއި އެކު ނުރައްކާތެރި، އެއް ގަޑި އިރު ވައިގައި ހުންނަ ކޮވިޑުގެ ވައްތަރެއް ފެތުރެމުން ދާކަމަށް ރިޕޯޓުތައްް ބުނެއެވެ. އަދި މި ވައްތަރުގައި ޒުވާނުންނަށް ނުރައްކާ ބޮޑު ކަމަށާއި، ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި ޒުވާނުން ގިނަ ކަމަށް ރިޕޯޓުތަކުން ހާމަވެގެން ދެއެވެ.

ލަންކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް އެގައުމުން 925,242 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑުން ރައްކާތެރި ވުމުގެ ގޮތުން ފުރަތަމަ ވެކްސިން ޑޯޒް ދެވިފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު