އިންޑިއާގެ ސިއްހީ ދާއިރާއަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާތީ މިއަދު ހެނދުނު އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ނިންމަވައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން މި ބައްދަލުވުމަކީ ގައުމުގެ ހާލަތު ގޯސްވެފައިވާ މިންވަރު ދެނެގަތުމަށާއި، ކޮވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އަލުން ބަލައި، އޮކްސިޖެން އާއި ސިއްހީ ފަރުވާ ދިނުމަށް ދަތިވެފައި ހުރި ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ބާއްވަވާ ބައްދަލުވުމެކެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އިންޑިއާ އިން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ނިންމުން އެކަށީގެންވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

އިންޑިއާއިން ވޭތުވެދިޔަ 24 ގަޑި އިރު ތެރޭގައި ކޮވިޑަށް 3.92 ލައްކަ މީހުން ފައްސިވެފައިވެއެވެ. އިއްޔެ އިންޑިއާ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ހަތަރު ލައްކައަށް ވުރެ ދަށްވީ ނަމަވެސް، އެގައުމުން ކޮވިޑުގައި 3689 މީހުން އިއްޔެ ވެސް މަރުވިއެވެ.

ކޮވިޑުގެ ދެވަނަ ރާޅު އިންޑިއާއަށް ވެގެން ދިޔައީ ބޮޑު ވޭނަކަށެވެ. ހޮސްޕިޓަލުތަކާއި ސަހަރާތައް ފުރި އާއިލާތަކުގެ މީހުން ސިއްހީ ފަރުވާ ލިބޭތޯ ސަލާން ޖެހުން މިވަނީ ކޮންމެ ދުވަހެއްގެ އާދައަކަށް ވެފައެވެ. ވެކްސިން އުފައްދާ މައި ހަބު އިންޑިއާގައި ހުރި އިރު، ގިނަ ސްޓޭޓު ތަކުން ވެކްސިން ހުސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކަންމިހެން ހުރި އިރު، ސިޔާސީ ޕާޓީ ތަކުގެ ލީޑަރުން، އިންޑިއާގެ ބޮޑުވަޒީރު ހިމެނޭހެން މާސްކު ނާޅާ އެތައް ބަޔަކު ބައިވެރިވެ ބޮޑެތި ސިޔާސީ ހަފްލާތަށް ބާއްވާފައިވެއެވެ. ބައެއް ސައިންސްވެރިން ގަބޫލު ކުރާ ގޮތިގައި އިންޑިއާގެ ހާލަތު މިވަރަށް ގޯސްވާން މެދުވެރިވީ ސަބަބަކީ ދީނީ ހަފްލާތަކާއި ސިޔާސީ ހަފްލާތައް ބާއްވައި، ހަރުދަނާ ގައިޑްލައިން އެއް އެކުލަވާލައިފައި ނެތުމެވެ.

އިންޑިއާގެ ބޮޑުވަޒީރު ގައުމުގެ ރައްކާތެރިކަމަށް ވުރެ ސިޔާސީ ހަރަކާތްތަށް އިސްކުރި ކަމަށް ބުނެ ފާޑު ކިޔުން އަމާޒު ވެފައިވެއެވެ. އަދި އިންޑިއާ ސަރުކާރުން މި ދަނޑިވަޅުގައި އެމީހުންގެ ޒިންމާ އަދާނުކުރެވުނުކަމަށް ގިނަ ބަޔަކު ގޮވަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު