އިންޑިއާ އިން އިއްޔެ ހަތަރު ލައްކަ އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، މިއީ ރިކޯޑެކެވެ. އިންޑިއާގެ ހެލްތް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި އެގައުމުން އިއްޔެ ކޮވިޑް-19 އަށް ފައްސިވެފައިވަނީ 401,993 މީހުންނެވެ. ސިއްހީ އިދާރާގެ އޮފިޝަލުން ލަފާކުރަނީ ރަސްމީ އަަދަދަށް ވުރެ ކޮވިޑަށް ފައްސިވެފައިވަާ މީހުންގެ އަދަދު ފަސް ގުނަ އިތުރުވާނެ ކަމަށެވެ.

އިންޑިއާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެކި ގައުމުތަކުގެ ވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ގިނަ ގައުމުތަކުން ދަނީ އިންޑިއާ އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އޮކްސިޖަނާއި ސިއްހީ ގިނަ ސާމާނުތައް ހިމެނެއެވެ.

ވައިޓްހައުސްގެ ޗީފް މެޑިކަލް އެޑްވައިޒަރު އެންތޮނީ ފައުޗީ ވިދާޅުވީ ކޮވިޑް-19 ދޭހަކޮށްދެނީ އަމިއްލަ އަށް ވާނެ ގޮތެއް ވާން ދޫކޮށްލައިފި ނަމަ، މުޅި ގައުމަށް އޭގެ އަސަރު ކުރާނެ ވަރު ކަމަށެވެ. އޭނާ ވިދާޅުވީ ވައިރަހާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް ނާޅައި ދޫކޮށްލެވިއްޖެނަމަ، ނުރައްކަލާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އިންޑިއަން އެކްސްޕްރެސް ނޫހަށް ދިން އިންޓަވިއު އެއްގައި ފައުޗީ ވިދާޅުވީ ބޭނުންވަނީ އިންޑިއާ ފުރަބަންދު ކުރަން ކަމަށެވެ.

އެއްވެސް މީހަކު ގައުމު ފުރަބަންދު ކޮށްފައި އޮންނަން ބޭނުން ނުވި ނަމަވެސް، ހަފްތާއަކަށް ފުރަބަންދު ކޮށްލާއިރަށް ވެސް ނަތީޖާ ފެނިގެންދާނެ ކަމަށް ފައުޗީ ވިދާޅުވިއެވެ.

އިންޑިއާގައި ގިނަ ބަޔަކަށް ވެކްސިން ދެވިފައި ނެތުމާއެކު، ގައުމުގެ ހާލަތު ގޯސްވެ، ކޮވިޑަށް ފައްސިވެފައިވާ މީހުންނަށް ފަރުވާ ނުލިބޭ ހާލަތްތައް ގިނައެވެ. އެގޮތުން 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދޭން ނިންމާފައި ވާއިރު ގައުމުގެ ގިނަ ސްޓޭޓު ތަކުން ރިޕޯޓު ކުރަމުން އަންނަނީ ވެކްސިން ހުސްވެފައިވާ ކަަމަށެވެ.