އާޖެންޓީނާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ތިން މިލިއަނަށް އަރައިފިއެވެ.

އެ ގައުމުގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާ ގިނަވި އިރު، ސިއްހީ މަސައްކަތްތެރިން ބުނަމުން ދަނީ ހޮސްޕިޓަލްތައް ފުރެމުންދާ ކަމަށެވެ.

އާޖެންޓީނާގެ ހެލްތް މިނިސްޓްރީއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެތިޔަ 24 ގަޑި އިރުގެ ތެރޭގައި އެގައުމުން 11,394 މީހުން ކޮވިޑަށް ފައްސިވެ، 156 މީހުން ބަލީގައި މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އެއާއެކު އެގައުމުން ކޮވިޑުގައި މަރުވެފައިވަނީ ޖުމުލަ 64,252 މީހުންނެވެ.

ރިކޯޑު އަދަދަކަށް މީހުން ކޮވިޑަށް ފައްސިވާން ފެށުމުން ގައުމުގައި ކޮވިޑާއި ދެކޮޅަށް އަޅާފައިވާ އިތުރަށް ވަރުގަދަކޮށް ގައުމުގެ ރައީސް މި ހަފްތާގައި ވަނީ އިއުލާން ކޮށްފައެވެ. އާޖެންޓީނާގެ ރައީސް ވިދާޅުވީ ކޮވިޑުގެ ދެވަނަ ރާޅުގައި ހޮސްޕިޓަލުތަކާއި އައިސީޔޫތައް ފުރުމަކާއި ގާތަށް އައިސްފި ކަމަށެވެ.

ހޮސްޕިޓަލުތައް ފުރޭތީ ހުރިހާ އެންމެން ވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކުގައި އުޅުމަށް ސިއްހީ އިދާރާތަކުން ވަނީ އެދިފައެވެ. ސަރުކާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ގައުމުގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)ގެ 68.1 އިންސައްތަ ވަނީ ފުރިފައި ކަމަށެވެ.

ސާޅީސް ފަސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ އާޖެންޓީނާގެ ހެލްތް މިނިސްޓްރީގެ ރިކޯޑުތަކަށް ބަލާއިރު މިހާތަނަށް އެގައުމުން 7.97 މިލިއަން ޑޯޒް ވެކްސިން ދެވިފައިވާއިރު، ވެކްސިން ދެ ޑޯޒް ވެފައިވަނީ 922,488 މީހުންނަށެވެ. ކޮވިޑުގެ ފުރަތަމަ ޑޯޒް ގިނަ ބަޔަކަށް ދެވިފައިވާއިރު، މިހާތަނަށް ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 6.8 މިލިއަނަށް އަރާފައެެވެ.