އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން ހިނގި އޮޕަރޭޝަނެއްގެ ތެރެއިން ފަލަސްތީނަށް ނިސްބަތްވާ މުސްލިމުންތަކެއް، ނަމާދު ކުރަން ތިއްބައި ރަހީނުކޮށްފައިވާ ކަމަށް، ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އިސްރާއިލް ސިފައިން މި ޖަރީމާ ހިންގާފައިވަނީ ފަލަސްތީނުގެ ފޭރިގަނެފައިވާ ޤުދުސްގައެވެ. އެގޮތުން ތިން މީހަކު ރަހީނުކޮށްގެން ގެންގޮސްފައިވާއިރު، ހަމަނުޖެހުން ހިންގައި ގިނަ ބަޔަކަށް ސިފައިން ވަނީ އަނިޔާކޮށްފައެވެ.

މަސްދަރުތަކާއި ޙަވާލާދީ ނޫސްތަކުން ބުނީ، އިސްރާއީލުން ރަހީނުކުރި މުސްލިމުންގެ ތެރޭގައި ހިމެނެނީ، އިސްރާއީލުގެ އަނިޔާވެރި ޖަރީމާތަކާއި ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ އެއްވުންތަކުގައި އެންމެ އިސް ސަފުގައި ޙަރަކާތްތެރިވާ ބައެއް ކަމަށެވެ. އިސްރާއިލް ސިފައިން ރަހީނުކުރި މީހުންގެ ތެރެއިން އެކަކީ، އިސްރާއިލް ސިފައިންގެ އައްދަށުގައި އެތައް އަހަރެއް ވަންދެން މީގެ ކުރިންވެސް ހިފަހައްޓާފައިވާ މީހެއް ކަމަށް ވެއެވެ.

އިސްރާއިލް ސިފައިން މި ތިން މީހުން ރަހީނުކޮށްގެން ގޮސްފައިވަނީ، އެމީހުން މާތްވެގެންވާ މަސްޖިދުލް އަޤްސާގައި ނަމާދުކުރަން ތިއްބައި މިދިޔަ އަންގާރަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.

އިސްރާއީލުން ދަނީ، އެޤައުމުން ހިންގާ ޖަރީމާތަކާއި ދެކޮޅަށް ތެދުވާ ފަލަސްތީނުގެ ރައްޔިތުންނާއި މެދު އަނިޔާވެރިވެ އެފަރާތްތައް ޝަހީދުކޮށްލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިސްރާއީލުން ކަނޑައަޅާފައިވާ ބޯޑަރު ސަރަޙައްދުގައި ސްނައިޕަރުން ފޯރިމަރަމުންދާއިރު، އެސަރަޙައްދަށް ޖަމާވާ މީހުންގެ ތެރެއަށް ސިފައިން ދަނީ އިންޒާރު ދިނުމެއް ނެތި ބަޑި ޖަހަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުސައިން މ. މުލި

    ޔާ ﷲ މި މުސީބާތުން ފަލަސްތީނު ރައްޔިތުން އަވަހަށް ސަލާމަތް ކޮށްދެއްވާފާންދޭވެ