އިންޑިއާގެ ވެސްޓް ބެންގާލްގެ ގާނޫނު ހަދާ މަޖިލީހަށް މީހުން ހޮވުމަށް ކުރިއަށް ގެންދިޔަ އިންތިހާބުގައި ބޮޑުވަޒީރު ނަރެންދު މޯދީގެ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ނާކާމިޔާބު ވެއްޖެއެވެ. އިންޑިއާގެ ބީޖޭޕީ ޕާޓީ އަކީ މިހާރު ގައުމުގެ ވެރިކަން ކުރަމުންދާ ޕާޓީއެވެ.

އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި މިހާތަނަށް ގުނިފައިވާ ވޯތުތަކަށް ބަލާއިރު މަޖިލީހުގެ 294 ގޮނޑީގެ ތެރެއިން ތިންބައިކުޅަ ދެބައި ގޮނޑި ކާމިޔާބު ކޮށްފައިވަނީ ވެސްޓް ބެންގާލް ސްޓޭޓުގައި މިހާރު ވެސް ވެރިކަން ކުރަމުންދާ ޓްރިނަމޫލް ކޮންގްރެސް ޕާޓީ (ޓީއެމްސީ) އިންނެވެ. އަދިވެސް ބައެއް ސަރަހައްދު ތަކުގެ ވޯޓު ގުނާ ނުނިމެއެވެ.

ކޮވިޑް ތެރޭގައި ފިޔަވަހި ތަކަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު މިހާތަނަށް ވެރިކަންކުރާ ބީޖޭޕީ ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ 77 ގޮނޑިއެވެ. އިދިކޮޅު ޓީއެމްސީ އިން ވަނީ 211 ގޮނޑި ކާމިޔާބު ކޮށްފައެވެ.

ވެސްޓް ބެންގާލްގެ ޗީފް އެއްގެ މަގާމަށް ތިންވަނަ ފަހަރަށް އިންތިހާބު ވެފައިވަނީ މަމަޓާ ބެނާޖީއެވެ. ޓީއެމްސީ ޕާޓީގެ ފަރާތުން އިންތިހާބުގައި ބެނާޖީ ކުރި ހޯދާފައިވާއިރު، އޭނާ އަކީ މިހާރު ވެސް އިންޑިއާގެ ހަމައެކަނި އަންހެން ޗީފް މިނިސްޓަރެެވެ.

އިންތިހާބުގައި ވެރިކަންކުރާ ބީޖޭޕީއަށް ތާއީދު ކުރާ މީހުން މަދުވެ، އެ ޕާޓީއަށް އިންތިހާބު ނާކާމިޔާބު ވެފައިވަނީ ކޮވިޑުގެ ވޭދަނަތައް އިންތިހާއަށް ފެތުރިފައިވާ މި ދަނޑިވަޅުގައި ކަންތައް ކުރި ގޮތުން ކަމުގައި ބެލެވެއެވެ. ބީޖޭޕީއިން ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްވެ ކުރިޔަށް ގެންދިޔަ ސިޔާސީ ހަރަކާތްތަކުގައި ފުރަބަންދާ ދެކޮޅަށް ވާހަކަ ދެއްކުމާއި، ގައުމުގެ އެކި ކަންކަމުގައި އިހުމާލު ވެފައިވާކަމަށް ދާދި ފަހުން ސައިންސްވެރިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު