އިނގިރޭސިވިލާތަށް ބާރުގަދަ ތޫފާނެއް މިސްރާބު ޖަހައި، ބައެއް ސަރަޙައްދުތަކަށް ނުރައްކާ ކުރިމަތިކުރުވައިފިއެވެ.

"ހެކްޓަރ"ގެ ނަމުން ނަންދީފައިވާ މި ތޫފާނުގައި އާދަޔާއި ޚިލާފަށް ވައިބާރުވާނެ ކަމަށް ލަފާކުރެވިފައިވާއިރު، އެޤައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ، މިކަމަށް ސަމާލުވުމަށް އަންގާފައެވެ. މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުގެ ތެރޭގައި އިންގްލޭންޑްގެ އުތުރުގެ ސަރަޙައްދުތައް ހިމެނޭއިރު، ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާ ހިސާބުތަކަށް ގަޑިއަކު 70 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ.

މިއަދުގެ ވަގުތެއްގައި ތޫފާނުގެ އަސަރު، އިނގިރޭސިވިލާތަށް ކުރަން ފަށާނެ ކަމަށް ވަނީ ބެލެވިފައެވެ. ޢާންމު ގޮތެއްގައިވެސް ތޫފާން "ހެކްޓަރ"ގައި ގަޑިއަކު 50 މޭލާއި 60 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވެއެވެ. ހަމަ އެހެންމެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ތޫފާނުގައި ކުރާ އަސަރު ބޮޑުވާނެ ކަމަށް ބެލެވޭއިރު، ކަނޑު ގަދަވެ ރާޅުތައް ބޮޑުވާނެ ކަމަށް އެޤައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ތޫފާން "ހެކްޓަރ"ގެ ނުރައްކާ އިނގިރޭސިވިލާތަށް ކުރިމަތިވެފައިވާއިރު، އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކުން މިހާރު ވަނީ ބައެއް ސަރަޙައްދުތަކަށް އެލާޓްވެސް ނެރެފައެވެ. އަދި ތޫފާނުގައި ފުރާނައަށް ނުރައްކާވެދާނެ ކަމަށްޓަކައި ބޭރަށް ގޮސް އުޅުމުގައި ރައްކާތެރިކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޢަދަދަކަށް ތޫފާންތައް އުފެދެމުންދާއިރު، މިއަހަރަކީ އެހެން އަހަރުތަކާއި ޚިލާފަށް ތޫފާން ގިނަ އަހަރެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިހާތަނަށް މިއަހަރު ޤައުމުތަކަށް އެރި ތޫފާންތަކުގައި ބައެއް ސަރަޙައްދުތަކަށް ވަނީބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފައެވެ.