ޕާކިސްތާނުގައި މިދިޔަ މަހު 10 އަހަރުން ދަށުގެ 3،000 އަށް ވުރެ ގިނަ ކުދިން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތް މިިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ހެލްތް މިނިސްޓްރީގެ ރިކޯޑު ތަކުން ދައްކާގޮތުން އެއް އަހަރާއި ދިހަ އަހަރާއި ދެމެދުގެ 3,315 ކުދިން ކޮވިޑަށް ފައްސިވެފައިވެއެވެ. އަދި އުމުުރުން 20-11 ދެމެދުގެ 12,162 ކުއްޖަކަށް ކޮވިޑް ޖެހިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގިގެން ގޮސްފައިވަނީ މިދިޔަ މަހު ކޮވިޑުގައި ކުޑަކުދިންގެ ތެރެއިން މަދުވެގެން 19 ކުއްޖަކު މަރުވެފައިވާ ކަމެވެ. ރަސްމީ ރިޕޯޓުތަކަށް ބަލާއިރު، 10 އަހަރުން ދަށުގެ ހަ ކުއްޖަކާއި ވިހި އަހަރާއި އެގާރަ އަހަރާއި ދެމެދުގެ 13 ކުއްޖަކު ކޮވިޑުގައި މަރުވި ކަމަށް ދައްކައެވެ.

މިހާތަނަށް ޕާކިސްތާނުން ދިހަ އަހަރާއި އެއް އަހަރާއި ދެމެދުގެ 1،424 އަންހެން ކުދިންނަށް ކޮވިޑް ޖެހިފައިވާއިރު، އެ އުމުރުފުރައިން ކޮވިޑަށް ފައްސިވެފައިވަނީ 1،891 ފިރިހެން ކުދިންނެވެ.

އެގާރަ އަހަރާއި ވިހި އަަހަރާއި ދެމެދުގެ ކުދިންނަށް ބަލާއިރު އެ އުމުރުފުރައިން ކޮވިޑަށް ފައްސި ވެފައިވަނީ 5,205 އަންހެން ކުދިންނާއި، 6,957 ފިރިހެން ކުދިންނެވެ.

ޕާކިސްތާނުގައި ހަލުވިކަމާއި އެކު ކޮވިޑް ވޭދަނަތައް ފެތުރެމުންދާތީ އެގައުމުގެ ގިނަ ސިޓީތަކެއް ވަނީ ފުރަބަންދު ކޮށްފައެވެ. އިއްޔެ އެގައުމުން 4،213 މީހަކު ކޮވިޑަށް ފައްސި ވެފައިވާކަމަށް ރިޕޯޓު ކޮށްފައިވެއެވެ. ޕާކިސްތާނުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 834،000 އަށް ވުރެ އިތުރުވެފައެވެ. ގައުމުން ގިނަ ބަޔަކު ކޮވިޑަށް ފައްސި ވަމުން އަންނަނީ ޕުންޖާބް ސިޓީއިންނެވެ. އެގޮތުން އިއްޔެ އެ ސިޓީއިން 1،707 މީހުން ކޮވިޑަށް ފައްސިވެފައިވެ، ބަލީގައި 50 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު