އިންޑިއާގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ގެ ވޭރިއެންޓު އިންޑޮނޭޝިއާގެ ވެރިކަންކުރާ ޖަކާޓާއިން ފެނިފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓަރު ގުނާދީ ސަދިކީން ވިދާޅުވެއްޖެއެވެ.

ވާޗުއަލްކޮށް ބޭއްވި ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިންޑިއާގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް ވޭރިއެންޓުގެ ދެ ވޭދަނަ އެގައުމުން ފެނިފައިވާ ކަމަށެވެ. ދެ ވޭދަނައިގެ ތެރެއިން އެކަކު އެއީ އިންޑިއާއިން ގައުމަށް އައި މީހެއް ކަމަށާއި އަނެއް މީހާ އަކީ ސައުތް އެފްރިކާއިން އައި މީހެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދެ ވޭދަނައަކީ އަކީ ވެސް އެންމެ ފުރަތަމަ އިންޑިއާއިން ފެނިފައިވާ ބީ.1.617 ވޭރިއެންޓެވެ.

އިންޑިއާގައި ފެތުރެމުންދާ މި ވޭރިއެންޓު އެތައް ގައުމަކުން ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އިންޑިއާގެ ދަތުރުތައް ހުއްޓައި ނުލައިފިނަމަ އެހެން ގައުމުތަކަށް ނުރައްކާ ބޮޑުކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.

އިންޑޮނޭޝިއާއިން މިދިޔަ ހަފްތާގައި ވަނީ 14 ދުވަސް ކުރިން އިންޑިއާގައި ހުރެފައި ދަތުރުކުރާ ނަމަ ވިސާ ނުދޭން ނިންމާފައެވެ. ގިނަ ގައުމުތަކަކުން ސަލާމަތީ ފިޔަވަޅެއްްގެ ގޮތުން އިންޑިއާގައި ތިބި މީހުން ގައުމުތަކަށް ނާރުވަން ވަނީ ނިންމައިފައެވެ.

އެކި ގައުމުތަކުން ހަރުކަށި އަދަަބުތައް ކަނޑައަޅާފައި ވާއިރު އޮސްޓްރޭލިއާއިން ހަދާފައިވާ ގަވާއިދުގެ ތެރެއިން އިންޑިއާގައި ހުރެފައި އެގައުމަށް ދަތުރުކުރާނަމަ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެއެވެ.

ދިރާސާ ރިޕޯޓުތައް ބުނާގޮތުން އިންޑިއާގައި ފެތުރެމުންދާ ކޮވިޑް ވޭރިއެންޓުގައި ޒުވާނުންނަށާއި ކުޑަކުދިންނަށް ބޮޑުވަރުވެ، ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހޭ މިންވަރު ގިނައެވެ.