ކޮވިޑު ޖެހިގެން ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައި އޮތް ބަލި މީހަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފިއެވެ.

މިކަން ހިނގާފައި ވަނީ އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އޮޑިޝާގެ ނުއަޕަޑާގެ ހޮސްޕިޓަލެއްގައެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށްވި މީހާ ކޮވިޑަށް ފައްސިވެ އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ. މި މީހާއަށް ޖިންސީ ގޯނާ ކުރުމުން ވަނީ ހަޅޭއްލަވައި ކައިރީގައި ތިބި އެންމެން އެކަމުގެ ސަމާލުކަމަށް ގެނެސްފައެވެ. އެކަން ކޮށްފައި ވަނީ ކޮވިޑް ޖެހިގެން ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެނައި މީހެއް ކަމަށްވެއެވެ.

''އަހަރެންނަށް އިހުސާސް ކުރެވުނު އަހަރެންނާ މެދު އޭނާގެ ނިޔަތް ރަނގަޅު ނޫންކަން. އެހެންވެ އަހަރެން ހަޅޭއްލަވައި އެތަނުގައި ތިބި އެހެން ބަލި މީހުންނަށް އެކަން އެންގިން'' ފުލުހަށް ބަޔާންދެމުން މި މީހާ ބުނެފައިވެއެވެ.

''މި މައްސަލައިގައި އެ މީހާއަށް އިތުރު ފިޔަވަޅެއް އެޅޭނީ އޭނާ ކޮވިޑަށް ނައްސިވުމުން. ނަމަވެސް މިހާރު ވެސް އޭނާގެ ހަރަކާތްތަކަށް ވަރަށް ރަނގަޅަށް ބަލަން. މިހާރު އޭނާ ވަނީ ވަރަށް ފަހުން ކޮވިޑު ހޮސްޕިޓަލަކަށް ބަދަލު ކުރި ޕޮލިޓެކްނިކްއަކަށް ގެންގޮސްފަ'' ފުލުހުންގެ ފަރާތުން ބުނެފައިވެއެވެ.

ޖިންސީ ގޯނާކުރި މީހާއަށް މައްސަލަ ރަޖިސްޓަރ ކުރެވިފައިވަނީ އަންހެނުންނަށް އަނިޔާ ކުރުމާއި ބާރުގެ ބޭނުން ކުރުމުގެ ސެކްޝަން ކަމަށްވާ ސެކްޝަން 354ގެ ދަށުންނެވެ.

އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވެ، ހޮސްޕިޓަލުތައް ފުރިފައިވާއިރު، ހޮސްޕިޓަލެއްގެ އެނދެއްގައި ދެމީހުން ވެސް ތިބެއެވެ. އަދި ބައެއް މީހުން ހޮސްޕިޓަލުގެ ބިންމަތީގައި ވެސް އޮންނަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަ

    ގެރި ޑރ.ކޮވިޑް އިން ހިސާބު ބަލާލީ..