އިންޑިއާގައި ކޮވިޑުގެ ދެ ވަނަ ރާޅާއެކު ގައުމުގެ ހާލަތު ވަނީ އަތް ނުފޯރާ ފަށަށް ގޮސްފައެވެ. ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ގައުމުން ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 10 މިލިއަނަށް އަރާފައި ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އިއްޔެ އިންޑިއާއިން ކޮވިޑަށް ފައްސިވެެ ރިޕޯޓު ކޮށްފައިވަނީ 357,229 މީހުންނެވެ. އަދި ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އިއްޔެ އެގަައުމުން ބަލީގައި މަރުވެފައިވަނީ 3,449 މީހުންނެވެ. ކޮވިޑުގައި މަރުވެފައިވާ މީހުންގެ ޖުމުލަ އަދަދު 222,408 އަށް އަރާފައިވާކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާއިރު، ކޮވިޑަށް ފައްސިވެފައިވާކަމަށް ދައްކަނީ 20 މިލިއަނަށް ވުރެ ގިނަ މީހުންނެވެ.

ސިއްހީމާހިރުން ބުނަމުންދަނީ ރިޕޯޓު ކޮށްފައިވާ ރަސްމީ އަދަދަށް ވުރެ ގައުމުން ކޮވިޑަށް ފައްސިވެ އަދި ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު 10-5 ގުނަ އިތުރުވެދާނެ ކަމަށެވެ.

އިދިކޮޅު ޕާޓީގެ ލީޑަރު ރާހުލް ގާންދީ ކޮށްފައިވާ ޓްވީޓެއްގަ ބުނެފައިވަނީ ކޮވިޑް ވޭދަނަތައް ކޮންޓްރޯލް ކުރެވޭނީ މުޅި ގައުމު ފުރަބަންދު ކޮށްގެން ކަމަށެެވެ. ނޮވެލް ކޮރޯނާވައިރަހުގައި ގައުމަށް އަގުހުރި އެތައް ބަޔެއްގެ ފުރާނަ ގޮސްފައިވާކަން ގާންދީ ފާހަގަ ކޮށްފައިވެއެވެ.

ގައުމުގެ އިގްތިސާދަށް ހީނަރުކަމެއް އައިސްދާނެ ކަމުގެ ބިރަށް ގައުމު ފުރަބަންދު ކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ދެކޮޅު ހަދައިފައެވެ. ގައުމުގެ ހާލަތު ގޯސްވެ ސިއްހީ ފަރުވާދިނުމަށް ބުރޫއަރާފައި ވުމަކީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުން ކަމަށާއި އެކަން ރަނގަޅު ކުރުމަށް ކޮންގްރެސް ޕާޓީއިން ގޮވާލައިފައިވެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން އެގައުމުގައި މިހާރު ކޮވިޑަށް ޓެސްޓު ކުރަމުންދާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްކޮށްފައެވެ. މިކަން މިހެން ކުރުމުން އެގައުމުން ކޮވިޑަށް ފައްސިވެ ރިޕޯޓު ކޮށްފައިވާ މީހުން މަދުކަމަށް ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު