މިހާރު އިންޑިޔާގެ ހާލަތު ގޯސްވެ ކޮންމެ ދުވަހަކު ކޮވިޑަށް ފައްސިވާ މީހުންނާއި މަރުވާ މީހުންގެ އަދަދު މިހައި ބޮޑަށް މައްޗަށް ގޮސްފައި ވަނީ އާވޭރިއަންޓެއްގެ ސަބަބުންނެވެ. މީގެ ކުރިން އެޤައުމުން ފެނުނު ކޮވިޑުގެ ވައްތަރަށްވުރެ މާ ނުރައްކާތެރި ވޭރިއަންޓަކަށް ފަހުގެ ވޭރިއަންޓް ވަނީ ވެފައެވެ. މިހާރު އެޤައުމު އޮތީ ކޮވިޑުން އަރައިގަތުމަށް އެކަނި ނުކުޅެދޭ ހާލަތަށް ގޮސްފައެވެ. ސިއްހީ ނިޒާމުގައި ފެއިލްވެފައިވާކަން މިހާރު ހާމަވެއެވެ. ރައްޔިތުންގެ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ މަރުވެ ގޮސްފަ އެވެ. ހަމަލޮލަށް ނުފެންނަ ވަރުގެ ކުޑަކުޑަ ވައިރަހުގެ ސަބަބުންނެވެ. ހޮސްޕިޓަލްތައް ވަނީ ފުރި ބާރުވެފައެވެ.

ސީއެންއެންގެ ނޫސްވެރިޔަކު އިންޑިޔާގެ އުތްތަރަޕްތަދޭޝް ސްޓޭޓުގެ ހޮސްޕިޓަލެއްގެ ހާލަތު ބެލުމަށް ޒިޔާރަތް ކުރިއެވެ. ހޮސްޕިޓަލުގެ ބޭރުގައި ދިގު ސަފެއްގައި ތިބީ ބަލި މީހުންނެވެ. ނޭވާލާން އުނދަގޫވެ އޮކްސިޖަނަށް ބޭނުންވެފައިވާ މީހުންނެވެ. ފަރުވާ ހޯދަން އައުމުން ދިގު ސަފަކަށް އަރަން މަޖުބޫރު ވަނީއެވެ. ފަރުވާލިބޭނީ ކޮންއިރަކުން ކަމެއް ނޭނގޭ ހާލުގަ އެވެ. ސަފުގައި ތިބި މީހުންގެ ރުއިމުގެ އަޑާއި އާދޭހުގެ އަޑު އިވެއެވެ. މިއީ އިންޑިޔާގެ ގިނަ ހޮސްޕިޓަލްތަކުގެ ހާލަތުކަން ފޮޓޯތަކުންނާއި ދައުރުވާ އެތައް ސަތޭކަ ވީޑިއޯތަކުން އެނގެއެވެ.

"އެކަކުވެސް އަހަރެންގެ އަޑެއް ނާހާ. އަހަރެންގެ ދަރިފުޅު. އަހަރެންގެ ކުޑަކުޑަ ދަރިފުޅު." ހޮސްޕިޓަލުގެ ވެއިޓިން އޭރިޔާގައި އިށީންދެގެން ހުރި ބޭބެއެއް ގިސްލަގިސްލާ ރޮމުން ދެއެވެ. އެތަނުގައި އެހާލުގައި އެތައް ބަޔަކު ތިބިއިރު އެއްވެސް މީހަކު އަނެކާއަށް އަޅާވެސްނުލާކަން ފާހަގަ ކުރެވެ އެވެ. މި ބޭބެގެ ދަރިފުޅު ދީޕަކް އޮތީ ހޮއްޕިޓަލުގެ އެނދެއްގައި ނޭވާހާސްވެ ދެންމެ ދެންމެ މަރުވެދާނެ ހާލަތެއްގައި އެވެ. ދީޕަކް އަށް އެހީވާނެ ސިއްހީ ފަރުވާދޭނޭ މީހަކު ނެތެވެ. އެންމެވެސް ތިބީ އެކި ކަންކަމުގައި މަސްއޫލުވެގެންނެވެ.

ހޮސްޕިޓަލުގެ ވެއިޓިން އޭރިޔާ އޮތީ ފުރާލާފަ އެވެ. ވޯޑު ތަކުގެ އެތެރެ ފުރާލާފައި ވަނީ ބަލި މީހުންނާއި އެކުއެވެ. ފަރުވާދޭނޭ ޑޮކްޓަރެއް ނަރުހެއް ފެންނާކަށް ނެތެވެ. އެނދުތައް ވަނީ ބަލިމީހުންނާއެކު ފުރިފަ އެވެ. ބިންމައްޗާއި މޭޒުތައް މަތީގައި ތިބި މީހުންގެ ތެރެއިން ދިރިތިބީ ކިތައް މީހުންކަމެއް ނޭނގެ އެވެ. ބައެއް ބަލިމީހުން ކައިރީގައި އެހީތެރިން ތިބި އެވެ. ބައެއް މީހުންނަށް އޮކްސިޖަން ލިބޭއިރު އަނެއްބައި މީހުން އޮކްސިޖަނަށް އާދޭސް ކުރާތާ އެތައް ގަޑިއިރެއް ވެފައިވާކަން އެމީހުންގެ ވާހަކައިން އެނގެ އެވެ.

"އޮކްސިޖަނަށް އާދޭސް ކުރިނަމަވެސް އަދިވެސް އެ ނުލިބޭ. އަހަރެން ބޯގޮވަނީ. އެއްވެސް މީހަކު އަހަރެންގެ އަޑެއް ނާހާ. އަހަންނަށް ފަސޭހައިން ނޭވާލާން އުނދަގޫ. އަހަންނަށް ފަރުވާދޭން އެކަކުވެސް ނާދޭ." 32 އަހަރުގެ ކަވީތާ ބުނީ އޭނާ ހޮސްޕިޓަލުގައި ފަރުވާހޯދުމަށް އައިސްހުންނަތާ ހަތަރުދުވަސް ވެފައިވާ ކަމަށެވެ.

މި ހޮސްޕިޓަލުގައި ހުރީ އެންމެ 55 އެނދެވެ. މިހާރުވެސް ހޮސްޕިޓަލުގައި 100 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުންދާކަމަށް ހޮސްޕިޓަލުން ބުނެއެވެ. ހޮސްޕިޓަލުގެ އެހެން ވޯޑަކަށް ސީއެންއެންގެ ނޫސްވެރިޔާ ވަދެލިއެވެ. އެތަނުގެ ހާލަތުވެސް އޮތީ ކުރިން ވަން ވޯޑާއި އެއްގޮތަށެވެ. ބަލިމީހުންތައް ތިބީ ވޯޑުތެރޭގައި ތޮއްޖެހިފަ އެވެ. މިއީ އައިސީޔޫގެ ހާލަތެވެ. ބަލިމީހުންގެ އާއިލާތަކުން ބަލިމީހުންނަށް އެހީތެރިވާތަން ފެނެއެވެ. ސިއްހީ ހިދުމަތްދޭ ފަރާތެއް ނެތެވެ.

ކުއްލިއަކަށް ތޮއްޖެހިފައިވާ އައިސީޔޫ ތެރެއިން މީހަކު ނޭވާލުން ހުއްޓުނެވެ. އެމީހާގެ އާއިލާގެ މީހުން އޭނާ ނޭވާލައްވަދޭން މަސައްކަތް ކުރަމުންދާތަން ފެނެއެވެ. މެއައް ފިއްތާ ނޭވާލައްވަން މަސައްކަތް ކުރެއެވެ. ފަސްވަރަކަށް މީހުން ނޭވާލުން ހުއްޓިފައިވާ މީހާގެ ވަށައިގެން ތިއްބެވެ. ޑޮކްޓަރަކަށް، ނަރުހަކަށް ގޮވައިދުނުމަށް އާދޭސްކުރަމުން އެމީހުން ދިޔައީ އެނދުގައި އޮތް މީހާ ނޭވާލައްވަދޭން މަސައްކަތް ކުރަމުންނެވެ.

55 އަހަރުގެ މަންމަ މަރުވަނީކަމަށް ހީކޮށްގެން ހުއްޓާ ކުއްލިއަކަށް ޑޮކްޓަރެއް އެތަނަށް އައެވެ. ވިޝާލް ކަޝްޔަޕް(ބަލިމީހާގެ ދަރިފުޅު) ބުނީ މަންމަ ގޮވައިގެން ހޮސްޕިޓަލަށް އައިސްއުޅޭތާ ހަ ދުވަސް ވެއްޖެ ކަމަށެވެ. ވެންޓިލޭޓަރު ލިބުނީ މިއަދު ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޮކްސިޖަން އޭގައި ނެތުމުން އޮކްސިޖަން ގެންނަން ޖެހުނީ އެމީހުން އަމިއްލަޔަށް ކަމަށް އޭނާ ބުންޏެވެ.

ނޫސްވެރިޔާ ހޮސްޕިޓަލުގެ އިސްވެރިޔާ އާއި ވާހަކަދައްކާ މަންޒަރުފެނިގެންދެއެވެ. އެތަނުގައި އެއްވެފައި ތިބި މީހުންގެ ތެރެއިން އެކަކަށް ދިމާވެގެން އުޅޭ މައްސަލަ ހޮސްޕިޓަލުގެ އިސްވެރިޔާ އާއި ހިއްސާ ކުރުމުން އޭނާ ބުނީ ކަންބޮޑުވާންވީ މައްސަލަ އަކީ ހޮސްޕިޓަލުގައި ބަލިމީހުންނަށް ފަރުވާދޭން މަސައްކަތްތެރިން ނެތް ކަމަށެވެ. ހޮސްޕިޓަލުގައި މަސައްކަތްކުރާ މީހުން ބަލިމީހުންނަށް ވެދާނެކަމުގެ ރިސްކާއެކު ހޮސްޕިޓަލުގައި މަސައްކަތް ކުރާކަމަށް އޭނާގެ ވާހަކައިން ހާމަވެއެވެ.

ހޮސްޕިޓަލުގައި މަރުވާމީހުން ބެރަށް ގެންދާ ބަޔަކާއި ނޫސްވެރިޔާ ބައްދަލުކުރި އެވެ. އޭރުވެސް އެމީހުން ތިބީ މަރުވެފައިތިބި ބަޔަކު ހޮސްޕިޓަލުން ބޭރަށް ގެންދާށެވެ. ރައްޔާތެރިވުމަށް މާސްކެއް ނޫން އިތުރު އެއްވެސް އެއްޗެއް އެމީހުން ބޭނުން ނުކުރެއެވެ. އެމީހުން ބުނީ ބަލިމީހުންނަށް ފަރުވާދިނުމަށް ތިބޭ ޑޮކްޓަރުންވެސް ނަރުހުންވެސް މާސްކުގެ އިތުރުން އެހެން އެއްޗެއް ބޭނުން ނުކުރާކަމަށާއި އެމީހުން އެފަދަ ރައްކާތެރިކަމެއް ހޯދާނީ ކޮންތާކުންކަން ނޭނގޭ ކަމަށެވެ.

ހޮސްޕިޓަލްތަކުގެ އިސްވެރިންގެ ވާހަކަތަކުން އެމީހުން ކަންކަން ސިއްރުކުރާކަން ހާމަވެއެވެ. އަދި ނޫސްވެރިންނަށް ކަމުގެ ހަގީގަތް ސިއްރުކޮށް ސުވާލުތަކަށް ޖަވާބުނުދޭން އުޅޭކަންވެސް ހާމަވެއެވެ. ސަރުކާރު އަދި ސިއްހީ ނިޒާމު ފެއިލްވެފައިވާކަން އެމީހުން ބޭނުންވަނީ ރައްޔިތުންނަށް ސިއްރުކުރާށެވެ.

އިންޑިޔާގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މިހާތަނަށް 20 މިލިއަނަށްވުރެ ގިނަ މީހުން ޖެހިފައިވާއިރު އެތައް ލައްކަ ބަޔަކު ވަނީ މަރުވެ ގޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    އެވަރުވާއިރުވެސް އިންޑިއާސަރުން
    އެދެމުންދަނީ އިންޑިއާގެހާލަތުހާމަވާގޮތަށް
    ކޮށްފާހުރި ޓުވީޓުތަ ކާއި ޕޯސްޓްތައް
    ޑިލީޓު ކޮށްދިނުމަށް..